ކޮލަމްބޯ (ޖުލައި 20) - ސްރީ ލަންކާގެ 8 ވަނަ އެގްޒެކެޓިވް ރައީސްގެ ގޮތުގައި ރަނިލް ވިކްރަމަސިންހަ މިއަދު އިންތިޚާބުކޮށްފި އެވެ.

ޕާލަމެންޓުގައި ނެގި ވޯޓު ރަނިލް ކާމިޔާބު ކުރެއްވީ 134 ވޯޓުންނެވެ. މިއަދުގެ ވޯޓުގައި ރަނިލްއާ ވާދަކޮށްފައި ވަނީ ޕާލަމެންޓުގެ ދެ މެންބަރުން ކަމަށްވާ ދުލަސް އަލަހައްޕެރުމާ އާއި އަނޫރާ ކުމާރަ ޑިސަނައިކަ އެވެ. ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 233 މެންބަރުން ވަނީ ވޯޓުލައިފަ އެވެ. އަލަހައްޕެރުމާ އަށް ލިބިވަޑައިގެންނެވީ 82 ވޯޓެވެ. ނޭޝަނަލް ޕީޕަލްސް ޕަވަ ޕާޓީގެ ލީޑަރު ޑިސައިނަކަ އަށް ލިބިވަޑައިގެންނެވީ ތިން ވޯޓެވެ.

ލަންކާ އަށް އާ ރައީސަކު އިންތިޚާބުކުރީ ކުރިން އެ މަގާމުގައި ހުންނެވި ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގޯޓާބޭ އިސްތިއުފާ ދެއްވީ ގައުމު ބަނގުރޫޓުވެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުތުމުން، ގައުމު ދޫކުރައްވައި ވަޑައިގަތުމަށް ފަހު އެވެ. ލަންކާގެ ގާނޫނު އަސާސީގައި އޮންނަ ގޮތުން ރައީސަކު ދައުރުގެ މެދުތެރޭން އިސްތިއުފާ ދެއްވައިފި ނަމަ ޕާލަމެންޓުން އާ ރައީސަކު އިންތިޚާބު ކުރަންޖެހެ އެވެ. ގޯޓާބޭގެ ދައުރު ނޮވެމްބަރު 2024 ގައި ނިމެންދެން ރަނިލް ރައީސްކަމުގެ މަގާމުގައި ހުންނަވާނެ އެވެ.

ރައްޔިތުންގެ ޕްރެޝަރާ ހެދި މިދިޔަ މެއި މަހު ކުރީގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދެއްވުމުން ބޮޑުވަޒީރުކަމުގެ މަގާމަށް ގޯޓާބޭ ހަމަޖައްސަވާފައި ވަނީ ރަނިލް އެވެ.

މިއަދުގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ އާއި ޓަމިލް ނޭޝަނަލް އެލަޔަންސް އަދި އެހެން ބައެއް ޕާޓީތަކުން ތާއީދުކުރީ އަލަހައްޕެރުމާ އަށެވެ. ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އަދި ސިލޯން ވޯކާސް ކޮންގްރެސް (ސީޑަބްލިއުސީ) ގެ ތާއީދު އޮތީ ރަނިލްއަށެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވަނީ ނަން އަނބުރާ ގެންދެވުމަށް ފަހު އަލަހައްޕެރުމާ އަށް ތާއީދު ކުރަން ނިންމަވައިފަ އެވެ. އަލަހައްޕެރުމާގެ ނަން ނޮމިނޭޓްކޮށްފައި ވަނީ ވެސް ޕްރެމަދާސާ އެވެ. އެހެންވެ ބެލެވޭ ގޮތުގައި އަލަހައްޕެރުމާ އަށް ވޯޓު ކާމިޔާބު ކުރެވުނު ނަމަ ބޮޑުވަޒީރުގެ މަގާމަށް ހަމަޖައްސާނީ ސަޖިތެވެ.

ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ރައީސްގެ މަގާމަށް ރަނިލް ގެނައުމުގެ އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ މަހިންދާ ރާޖަޕަކްސާ އެވެ.

ލަންކާގެ ސިޔާސީ މަސްރަހަށް މި އައި ބަދަލު އާއްމުން ބަލައިގަންނާނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ ރަނިލްއަކީ ރާޖަޕަކްސާ އާއިލާއާ ގުޅުން އޮންނަ ބޭފުޅަކަށްވެފައި، ވެރިކަމުގައި އެ އާއިލާގެ ނުފޫޒު އަދިވެސް އޮންނާނެ ކަމަށް ބެލެވޭތީ އެވެ.

ވޯޓު ކާމިޔާބު ކުރެއްވުމަށް ފަހު ރަނިލް ވިދާޅުވީ ބައިބައިވުންތައް ނައްތާލުމަށް ފަހު ގައުމައިގެން ކުރިއަށްދާންވީ ވަގުތު މިހާރު ޖެހިއްޖެ ކަމަށެވެ. އަދި ސިޔާސީ ހުރިހާ ޕާޓީތަކަކާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.