ފީފާ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ޕޯޗުގަލް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ޑިމޮކްރެޓިކް ރިޕަބްލިކް (ޑީއާރް) ކޮންގޯ އަތުން 1-1 އިން އެއްވަރުވެއްޖެ އެވެ.

މެޗުގެ ހަ ވަނަ މިނިޓުގައި ޖޮއާ ނެވޭސް ލަނޑެއް ޖަހައި ޕޯޗުގަލްއަށް ލީޑު ހޯދައިދިނުމުން، މެޗުގެ ކޮންޓުރޯލް ޕޯޗުގަލް އިން ނަގައި އިތުރު ލަނޑުތަކެއް ޖަހާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ޕޯޗުގަލް އިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް މުޅި މެޗުގައި ވެސް އުފެއްދޭ ގޮތެއް ނުވި އެވެ.

ޕޯޗުގަލް ސިއްސުވާލުމާށްފަހު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ނަތީޖާ ހަމަހަމަ ކުރީ ނިއުކާސަލް ޔުނައިޓަޑްގެ ފޯވަޑް ޔޮއާން ވިސާ ޖެހި ލަނޑުންނެވެ. މިއީ ވޯލްޑް ކަޕެއްގައި ކޮންގޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މިއީ ކޮންގޯ ވޯލްޑް ކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ޒައޭރްގެ ނަމުގައި އެ ޤައުމުން ވޯލްޑް ކަޕްގައި ވާދަކުރީ 1974 ވަނަ އަހަރެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ތިން މެޗުން ވެސް އެ ޓީމު ބަލިވިއިރު، އެ ޓީމު ކޮަލަށް ޖުމްލަ 14 ގޯލު ވަނެވެ.

އެކަމަކު އޭގެ 52 ވަނަ އަހަރު ފަހުން ވޯލްޑް ކަޕެއްގައި ކޮންގޯ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ފެނިގެންދިޔައީ ރަނގަޅު ޓީމެއްގެ ގޮތުގައެވެ. ޑިފެންސް ލައިން ރޭވުންތެރި ކަމާއެކު ކުޅުނިއިރު، ކައުންޓާ އެޓޭކްގައި އެ ޓީމުން ޕޯޗުގަލްއަށް ނުރައްކާ ކުރި އެވެ.

ޕޯޗުުގަލްގެ ފުރަަތަމަ 11ގައި ކުޅެ، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ހަ ވަނަ ވޯލްޑް ކަޕްގައި ކުޅުމުގެ ރެކޯޑް ހޯދައިފަ އެވެ. އެެހެން ނަމަވެސް، މުޅި މެޗުގައި ވެސް ރޮނާލްޑޯގެ ފަރާތުން ކޮންގޯގެ ޓީމަށް މާބޮޑު ނުރައްކަލެއް ކުރިމަތި ނުވި އެެވެ. ދެވަނަ ހާފުގައި ފްރެންސިސްކޯ ކޮންސެސާއޯ ހުރަސްކޮށްލި ދެ ބޯޅައެއް ރޮނާލްޑޯއަށް ލިބުނު ނަމަވެސް، ދެ ހަމަލާ ވެސް ދިޔައީ ބޭރަށެވެ.

މުޅި މެޗުގައި ވެސް ޕޯޗުގަލްއާށް ކޮންގޯގެ ގޯލަށް އަމާޒުކޮށްލެވުނު ހަމަލާއަކީ ފުރަތަމަ ހާފުގައި ނެވޭސް ކާމިޔާބު ކުރި ލަނޑެވެ. މުޅި މެޗުގައި ޖުމްލަ ހަތް ޝޮޓު ޕޯޗުގަލްއިން ފޮނުވާލިއިރު، ހަ ޝޮޓް ގޯލަށް އަމާޒެއް ނުވި އެވެ.