ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަޝިޕެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވީ "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތް ކެއާ ޕްރޮފެޝަނަލްސް"ގެ "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނާޖީ"ގެ ތީމަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ކޮންފަރެންސްގައި، ކޮންފަރެންސްގެ ބައިވެރިންނަށް ލިބިލެއްވި މައުލޫމާތުގެ ސަބަބުން ސިއްހީ ދާއިރާގެ ހިދުމަތްދެއްވުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އެކަމަނާ އުންމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި އެކަމަނާ ވަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ހާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދެވުމަށް ބާރުއަޅުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ވަނީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި، ތައުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިއުމުގެ ފައިދާތައް ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ގޮވާލައްވާފަ އެވެ.