ނުދަންނަ ބީރައްޓެހިންނާ ކުރިމަތިލާން ފަސްޖެހޭ ހެއްޔެވެ؟ އަމިއްލައަށް ކަމެއް ކުރަން އުޅޭނަމަ ހިތްނުތަނަވަސްވެ ބިރުގަނޭ ހެއްޔެވެ؟ މިއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަމުގެ ނިޝާންތަކެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ ނަފްސާނީ ކުރިއެރުމަށާއި ދުޅަހެޔޮ ކަމަށް ނުހަނު މުހިންމު ކަމެކެވެ.
އަމިއްލަ ނަފްސަށް އިތުބާރު ނެތި ދިރިއުޅުމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ނުވާނެ ކަމެކެވެ. ކާމިޔާބީގެ ފުރަތަމަ ހަރުފަތަކީ އަމިއްލަ ނަފްސަށް އިތުބާރުކޮށް ތިމާއަށް ތިމާ ބޭނުން ކަމެއް ހާސިލް ކުރެވޭނެކަން ގަބޫލުކުރުން ކަމަށް ވާތީ އެވެ. މި ސަބަބަށްޓަކައި އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުކޮށް ވަރުގަދަކުރުމަކީ ބޭނުންތެރިކަމެކެވެ. އެގޮތުން މިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކުރުމަށް ތިރީގައިވާ ކަންތައްތަކަކީ ކުރެވިދާނެ ކަންކަމެވެ.
ތިމާއާއި އެހެން މީހުންނާ އަޅާ ނުކިޔުން
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުން ކުރިއަރާނީ އެކި ރޮނގުންނެވެ. ބައެއް ކަންކަމަކީ ކިތަންމެ ވަރަކަށް މަސައްކަތްކުރި ކަމުގައި ވިޔަސް އެއް ބަޔަކަށް ނުކުރެވޭނެ ކަންކަމެވެ. އެހެންކަމުން އެހެން މީހުންނާ ތިމާގެ ހަޔާތް އަޅާކިޔުން ހުއްޓާލާށެވެ. ތިބާއަށް ވެސް ތަފާތު ހުނަރެއް ލިބިފައިވާނެކަން ދަންނާށެވެ. އެހެން މީހުންގެ ކާމިޔާބީތަކާ އެއްވަރަށް ތިމާ ދަތުރުކުރަން ނުޖެހޭނެކަން ގަބޫލު ކުރާށެވެ. އެހެނީ ކޮންމެ މީހަކު ވެސް ކާމިޔާބީއަށް ދަތުރުކުރާނީ އެ މީހެއްގެ އަމިއްލަ ދުވެލީގަ އެވެ.
ލިބިފައިވާ ކާމިޔާބީތައް މިނެ، ވަޒަން ކުރުން
މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލުމުން އަމިއްލަ ނަފްސާމެދު ދެކެވޭ ގޮތް ބަދަލުވެ އެވެ. ތިމާއަށް ވެސް ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެކަމުގެ އިހުސާސް ކުރެވެ އެވެ. އެހެންކަމުން ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން އެ ދުވަހު ތިމާއަށްކުރެވުނު ކަންކަމާ ވެދު ވިސްނާލާށެވެ. ހާސިލްކުރެވުނު ކުދި ކުދި ކަންކަމާއި މެދު ފަޚުރުވެރިވާށެވެ.
ނާކާމިޔާބީ އާމެދު ދެކޭގޮތް ބަދަލު ކުރުން
ނާކާމިޔާބީއަކީ ވެސް ހަޔާތުގެ ހިއްސާއެކެވެ. ކަމެއް ކާމިޔާބު ވާނީ އެތައް ފަހަރަކު ނާކާމިޔާބުވުމަށް ފަހު އެވެ. އެހެނީ ކަމެއްގައި ހާސްފަހަރު ނާކާމިޔާބުވެމެ މޮޅު އީޖާދުތައް ހާސިލް ކޮށްފައި ތިބި ސައިންސްވެރިން ދުނިޔޭގެ ތާރީޚުން ފެންނަން އެބަ ހުއްޓެވެ. ހިތްވަރު އެލުވާނުލާށެވެ. ނާކާމިޔާބަކީ އުނގެނުމުގެ ފުރުސަތެއް ކަމަށް ދެކޭށެވެ. ލިބޭ ނާކާމިޔާބީތަކުން ފިލާވަޅު ލިބިގަނެ ކުރިއަށް އޮތް ތަނުގައި އެކަންކަން ރަނގަޅު ކުރުމަށް އިސްކަން ދޭށެވެ.
އެހީއަށް އެދެން ފަސްނުޖެހުން
ކޮންމެ މީހަކީ ވެސް ދިރިއުޅުމުގައި އެހެން މީހުންގެ އެހީ ބޭނުންވާނެ މީހެކެވެ. ކަންކަމުގައި މީހުންގެ ލަފައާއި ތަޖުރިބާ ހޯދާށެވެ. އެއީ ތިމާގެ އަގު ވެއްޓޭނެ ކަމެއް ނޫންކަން ދަންނާށެވެ. ކަންކަން އުނދަގޫވެ ނަފްސަށް ބުރަވާހެން ހީވާނަމަ ސިއްޙީ މާހިރެއްގެ އެހީ ހޯދުމަށް ފަސް ނުޖެހޭށެވެ. އެއީ ސިކުނޑިއަށް ލުއި ލިބި ކަންކަމުގައި މަގު ފެންނަން ފަށާނެ ކަމެކެވެ.