ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އެދި ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:45 އިން ހަވީރު 4:15 އާއި ހަމައަށެވެ. އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ލަފާކުރާގޮތަށް ބަލާއިރު އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައް ވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.