ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ސްޓިއަރިން ކޮމިޓީގެ ރައީސްކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް އިމްރާން އިސްމާއިލް އަދި މެންބަރުކަމަށް މުހައްމަދު ޝާމް އިންތިހާބުކޮށްފައިވަނީ، އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވަނީސްކަން ހާމަވެއްޖެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމަށާއި ވޯޓުލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 15 ގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ޝަރުތުކޮށްފަ އެވެ. މި އިންތިހާބުގައި ބަލާފައިވަނީ އިލެކްޝަންސް ކޮމިޝަނުގައި އޮންނަ ޕާޓީގެ ރަސްމީ ދަފުތަރަށެވެ. ނަމަވެސް، ދިއްގަރު ސްޓިއަރިން ކޮމިޓީގެ ރައީސަކަށް އިންތިހާބުވި އިމްރާން ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އަދި ކޮމިޓީގެ މެންބަރަކަށް ހޮވުނު ޝާމް ރަޖިސްޓަރީވެފައިވަނީ ޖޫން 19 ވަނަ ދުވަހު އެވެ. އެހެންކަމުން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މި ދެ ބޭފުޅުންނަށް އިންތިހާބުގައި ވާދަކުރުމުގެ އަދި ވޯޓުލުމުގެ ހައްގުވެސް ލިބިގެންނުވެ އެވެ.
މި މައްސަލައާ ގުޅިގެން އިމްރާން ވިދާޅުވެފައިވަނީ، އޭނާ ޕީއެންސީން ވަކިވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގައި ދެމިހުންނެވި ކަމަށެވެ. އަދި އޭނާއަކީ ޕާޓީގެ އެތެރޭގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށްވުމުން، ޕާޓީން ވަކިވެފައިވާނަމަ އަލުން ވަދެފައިވެސް އޮވެދާނެކަމަށް އޭނާ ވިދާޅުވި އެވެ. ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ދަފުތަރަށް ވަން ނަމަވެސް، މި ދެ ބޭފުޅުންވެސް ވަނީ އިންތިހާބުގައި ވާދަކޮށް ވޯޓުލާފަ އެވެ.
އުސޫލާ ހިލާފަށް ދިއްގަރު ސްޓިއަރިން ކޮމިޓީއަށް ބޭފުޅުންތަކެއް އިންތިހާބުވުމުގެ ފަހަތުގައި ޕީއެންސީގެ ލީޑާޝިޕްގެ ނުފޫޒު އޮތްކަމަށް މައުލޫމާތު ލިބެ އެވެ. މިކަން ކޮށްފައިވަނީ ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ނާޒިމްގެ ބާރު އެ ކޮމިޓީން ކަނޑުވާލުމުގެ މަގުސަދުގަ އެވެ.
ސަލްމާންގެ ސިއްހަތާމެދު ކަންބޮޑުވުންތައް ބޮޑު ވެއްޖެ
ވޯލްޑް ކަޕްގެ ރަންބޫޓު ދެ ފަހަރު ހޯދި ކުޅުންތެރިޔަކަށް އެމްބާޕޭ
އެމެރިކާއާއެކު އީރާން ވަރުގަދަ ހަނގުރާމަ އަކަށް
