ރާއްޖޭގެ އިޖުތިމާއީ ފޭރާ ރަގަޅު ކުރުމަށްޓަކައި ހަމަހަމަކަމާއެކު ދައުލަތުން ގާނޫނު ހިންގަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ފޭރާމާއި ސިލްމާއި ސަލާމަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ މަބްދައުތައް މަތިވެރިކޮށް އިސްލާމީ ސަގާފަތާއި އަގީދާ ކުރިއަރުވަން ޖެހޭ ކަމަށެވެ. އަދި ހަމަހަމަކަމާއެކު ދައުލަތު ގާނޫނު ހިންގަންޖެހޭ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

"އިޖުތިމާއީ އަދާލަތު ގާއިމުކޮށް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާއެކު ދައުލަތުން ގާނޫނު ހިންގަން ޖެހޭ،" ކުރީގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިސްލާމް ދީނާ ހިލާފު އެތަކެއް ކަމެއް ކުރަމުން އަންނައިރު އެކަމާ މެދުގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި އެފަދަ ފަރާތްތަކާއި މެދުގައި ގާނޫނީ ފިޔަވަޅު ނާޅާ އެކަމާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާމެދުގައި ފިޔަވަޅު އަޅާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އޭގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ މީސްމީހުންނާއި އެފަދަ މީސްމީހުންނާ ގުޅުން ހުރި މީހުން ހިންގާ ޖަރީމާތަކާއި ފާހިޝްކަންކަން ބެލުމުގައި ކަމާބެހޭ އިދާރާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.