ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރްގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް ނާންނަތާ ހަތަރު އަހަރަށް ފަހު ރިލީޒްކުރި ފުރަތަމަ ފިލްމު "ޝަމްޝޭރާ" އަށް ނޮކްސް އޮފީހުގައި ނާކާމިޔާބީއާ ކުރިމަތިލާ ޖެހިއްޖެ އެވެ.
ބޮޑު ބަޖެޓަކުން ހަދައިގެން ސިނަމާގައި މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ޝަމްޝޭރާ" އަށް ގިނަ ކްރިޓިކުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 150 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓެއް ހަރަދުކޮށްގެން ގެނެސްދީފައިވާ މިފިލްމަކީ އިނގިރޭސިންގެ އަޅުވެތިކަމުން މިންޖުވާ ހިޔާލީ ޝަހަރެއް ކަމަށްވާ ކާޒާގެ އަހުލުވެރިންނަށް އޭގެ ފަހުން ދިމާވާ އަޅުވެތިކަމާއި އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމު ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު ލިބިފައިވަނީ ގާތްގަނޑަކަށް 10.25 ކްރޯޑް ރުޕީސް އެވެ.
ޑައިރެކްޓަރު ކަރަން މަލްއުތުރާގެ "ޝަމްޝޭރާ" ބެހޭ ގޮތުން ކްރިޓިކުން ބުނެފައިވަނީ މިއީ ވަރަށް ބޮޑު މާޔޫސީ ކަމެއް ގެނެސްދިން ފިލްމެއް ކަމަށެވެ. އަދި މިފިލްމުގައި ތާކުންތާކުން ނުޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށް ވެސް ކްރިޓިކުން ވަނީ ބުނެފަ އެވެ.
މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި "ޝަމްޝޭރާ" ގެ ވާހަކަ އާއި ސްކްރީންޕްލޭގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި މި ފިލްމުގައި އެއްވެސް އާ ކަމެއް ފާހަގަ ނުކުރެވޭ ކަމަށެވެ.
ތަރަން ބުނީ "ޝަމްޝޭރާ" އިން އާކޮށްދިނީ ބެލުންތެރިންގެ ތަރުހީބެއް ނުލިބުނު ވައިއާރްއެފްގެ 2018 ގެ ބޮޑު ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގެ މަތިންނެވެ. އާމިރު ޚާނާއި އަމީތާބް ބައްޗަން މައިގަނޑު ރޯލުތައް ކުޅުނު އެ ފިލްމަކީ ލަދުވެތި ފްލޮޕެކެވެ.
ތަރަން ވެސް ވަނީ މިފިލްމުގައި ރަންބީރުގެ އެކްޓިން ފާހަގަ ކޮށްފަ އެވެ. އަދި މިފިލްމު ބެލި ގިނަ ބަޔަކު ރަންބީރު މިފިލްމުގައި ދައްކާފައިވާ މޮޅު އެކްޓިންނަށް ވަނީ ތައުރީފު ކޮށްފަ އެވެ.
މިފިލްމުގައި ރަންބީރުގެ އިތުރުން ސަންޖޭ ދަތާއި ވާނީ ކަޕޫރް މުހިންމު ރޯލުތަކުން ވަނީ ފެނިގެން ގޮސްފަ އެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރަންބީރް އެނބުރި އައި ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައިނުވި ނަމަވެސް އޭނާގެ އެކްޓިން ގިނަ ބަޔަކު ވަނީ ބަލައިގެންފަ އެވެ. ރަންބީރު ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އޭނާގެ އަންހެނުން އާލިއާއެކު ކުޅެފައިވާ ފިލްމު "ބުރައްމަސްތުރާ" އަންނަ ސެޕްޓެންބަރު ނުވަގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.