އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތުގެ މަގާމު އަނެއްކާ ވެސް އަކްޝޭ ކުމާރުއަށް ލިބިއްޖެ އެވެ.

އިންޑިއާގެ ޓެކްސް ޑިޕާޓްމަންޓުން ވަނީ އެކަން ފާހަގަކޮށް އަކްޝޭއަށް ހާއްސަ ހަނދާނީ ފިލައެއްދީފަ އެވެ. މިވަގުތު އަކްޝޭ އިންޑިއާގައި ނެތުމުގެ ސަބަބުން މިހަނދާނީ ފިލަޔާ ހަވާލުވެފައިވަނީ އޭނާގެ ޓީމުގެ ފަރާތުންނެވެ.

އަކްޝޭ އަންނަނީ އިނގިރޭސިވިލާތުގައި "ކެޕްސޫލް ގިލް" ފިލްމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ ފަސް އަހަރު ތެރޭގައި އިންޑިއާގެ އެންމެ ބޮޑު ޓެކްސް ދައްކާ ފަރާތްތަކުގެ ތެރޭގައި މެދުނުކެނޑި އަކްޝޭ ވަނީ ހިމެނިގެން ގޮސްފަ އެވެ.

އަކްޝޭ އަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ އާމްދަނީއެއް ލިބޭ އެކެކެވެ. އޭނަ އެވްރެޖްކޮށް ފިލްމެއް ކުޅެނީ ގާތްގަނޑަކަށް 100 ކްރޯޑް ރުޕީސް އަށެވެ.

އެންމެ ފަހުން އަކްޝޭ ފެނިގެންދިޔައީ މަނޫޝީ ޗިލާރް ލީޑް ރޯލުން ފެނިގެންދިޔަ "ސަމްރަތު ޕްރިތްވިރާޖް" އިންނެވެ. ނަމަވެސް މި ފިލްމަށް ލިބިގެންދިޔައީ ފިނި ތަރުހީބެކެވެ.

އުމުރުން 54 އަހަރުގެ އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 11 ގައި ގެނެސްދޭ "ރަކްޝާ "ބަންދަން" އެވެ.

އަކްޝޭގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ރާމް ސެތޫ"، "މިޝަން ސިންޑްރެއްލާ"، "ސެލްފީ،" "ގޮރްކާ" އޯ މައި ގޯޑް (އޯއެމްޖީ) 2" އަދި "ސޫރަރައި ޕޮއްޓުރޫ" ގެ ހިންދީ ރިމޭކް ހިމެނެ އެވެ.