އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ނުބަލާނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ދިމާވެދާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ، ފާއިތުވި ދުވަސްތަކުގައި އެއް ޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކެއް ޢާންމުވެ، އެ ވީޑިއޯތަކުގައި ފެންނަ މީހުންނަށް އެއްވެސް ފިޔަވަޅެއް ނާޅާކަން އާންމުންނަށް ފާހަގަވެފައިވަނިކޮށެވެ. މި މައްސަލައާ ގުޅިގެން އާންމުން ވަނީ ވަރަށް ބޮޑަށް ކަންބުވުން ފާޅުކޮށްފަ އެވެ. އަދި އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ އެންމެނަށްވެސް ފިޔަވަޅު އެޅުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން ''ބިރުވެތިވޭ, ބިރުވެތިވޭ'' ލިޔެފައިވާ ފޮޓޯއެއް މެމްބަރު ސަނީފް، އޭނާގެ ޓްވިޓާގައި ހިއްސާކުރައްވާފައިވާއިރު، އެ ޓުވީޓުގައި އެފަދަ މީހުންގެ މައްސަލަތައް ބެލުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. އަދި ގާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށާއި ފުލުހުންނަށް ގޮވައިލާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މެމްބަރު ސަނީފް އިތުރަށް ވިދާާޅުވީ، އޭނާ އެފަދައިން ގޮވައިލެއްވީ، ރާއްޖެ އާއި ދިވެހިންގެ މުސްތަގުބަލަށް ކަމަށެވެ. އަދި މިކަން ނުބަލާނަމަ ކޮންމެ ފަދަ މުސީބާތެއް ވެސް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.