އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަދި މާލީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިއަދު އެވެ.

ވަގުތު ހަމަވިއިރު ޗެއާޕާސަން ނައިބު އިދާރީގެ މަގާމަށް ކުރިމަތިލާފައިވަނީ މ. ބަނަފްސާވިލާ އިބްރާހިމް ވަހީދެވެ. އަދި ޗެއާޕާސަންގެ މާލީ ނައިބުކަމަށް ކުރިމަތިލާފައިވަނީ ތަކަންދޫ ދާއިރާގެ މެމްބަރު، ހއ. ތަކަންދޫ، އޯޝަންވޭވް، އަހްމަދު އަބްދުﷲ އެވެ.

މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެ އެވެ. މިވަގުތު ޗެއާޕާސަންގެ ނައިބު މާލީގައި ހުންނެވީ އަހުމަދު އެވެ. އަދި ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމުގައި ހުންނެވީ ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒެވެ.

މި ދެ މާގާމަށް މީހުން ހޮވާނީ، އަންނަ މަހުގެ 19ގައި އޮންނަ އެމްޑީޕީގެ ކޮންގްރެސްގަ އެވެ. މި އިންތިހާބުގައި ވޯޓުލެވޭނީ އެ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ ޗެއާޕާސަންގެ ނައިބުގެ މަޤާމަށް އެއްވެސް ވަރެއްގެ ފޯރިއެއްނެތަނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވުނު އިންތިހާބު ވެގެންދިޔައީ އެމްޑީޕީގެ ތާރީހުގައިވެސް ބޭއްވުނު އެންމެ ފޯރިގަދަ އެއް އިންތިހާބެވެ.