އެމެރިކާ އާއި ރާއްޖޭގެ ގުޅުމަކީ އެއް ވިސްނުމެއްގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމުން ހުރިހާ ކަމެއް ހާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ މިސާލެއް ކަމުގައި އެމެރިކާގެ ހާރިޒީ ވަޒީރު އެންތަނީ ބްލިންކަން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސްބަޔާނެއްގައި ބްލިންކަން ވިދާޅުވީ ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން، ކޮންމެ ދުވަހަކާއެކު އިތުރަށް ބަދަހިވެގެން މިދަނީ، ދެ ގައުމުގެ ރައްޔިތުންނަށް މިހާރަށް ވުރެ އަދުލުވެރި، ފާގަތި، ރައްކާތެރި ސަރަޙައްދެއް އަދި ދުނިޔެއެއް ގާއިމުވެގެން ދިއުމުން ކަމަށެވެ.

"އަޅުގަނޑުމެން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށާއި ސިޔާދަތާއި ސަރަޙައްދީ ރައްކާތެރިކަން ރައްކާތެރިކޮށްދޭ ބައިނަލްއަގުވާމީ ރޫލްސް ބޭސްޑް އޯޑާ ޕްރޮމޯޓްކުރުން ފަދަ، މިއަދުގެ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެއްބާރުލުން ވަނީ ދީފައި،" އޭނާ ވިދާޅުވި އެވެ.

ބްލިންކަން ވިދާޅުވީ ދެ ގައުމުގެ ގުޅުން ވަރުގަދަވެގެންދަނީ، ޑިމޮކްރަސީއާއި، އިންސާނީ ހައްގުތަކާއި، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި، އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން ދޭ އަހައްމިއްޔަތުގެ ސަބަބުން ކަމަށެވެ. އަދި އެމެރިކާ އާއި ރާއްޖޭގެ ގުޅުމަކީ އެއް ވިސްނުމެއްގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުން ހުރިހާ ކަމެއް ހާސިލު ކުރެވޭނެ ކަމުގެ މިސާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްލިންކަން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއިން ރަޝިޔާއިން ޔޫކްރެއިންއަށް ދިން ހަމަލާ ކުށްވެރިކުރުމުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމާއި، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނަންފުޅު ފޮނުއްވުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެ އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގަ އެވެ. އެކަން އިއުލާންކުރެއްވީ އޭރުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގަ އެވެ.