އަވަށްޓެރި އިންޑޮނީޝިއާ އިން ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރަން ނިންމައިިފި އެވެ.

އިންޑޮނީޝިއާ އިން އޮން އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ ލާފައިވާއިރު، އެގައުމަކީ، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން އެކި ކަންކަމުގައި ދިވެހިން އާންމުކޮށް ދަތުރުކޮށް އުޅޭ މަންޒިލެކެވެ. އެގޮތުން އެގައުމުގެ އޮން އެރައިވަލް ވިސާދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިކަން އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.

އެގައުމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ދޭވީ ގުސްތީނާ ޓޯބިން މިދިޔަ މަހު ރާއްޖެ ވަޑައިގެންފައިވާއިރު، އެ ދަތުރުގައި އެމަނިކުފާނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހްއާ މެދުގައި ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ދިވެހިންނަށް އެ ގައުމުން ވިސާ ލިބޭނެ ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމާއި ގުޅޭގޮތުން ރައީސް ޞާލިހް ވަނީ މަޝްވަރާކުރައްވާފަ އެވެ.

އޭގެ އިތުރުން ރާއްޖެއަށް އިންޑޮނޭޝިއާގެ އޮން އެރެއިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމާއި ގުޅިގެން ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ރެޓްނޯ މާސުޑީއަށް ޝުކުރު އަދާކުރައްވާފަ އެވެ.