ރަންބީރު ކަޕޫރާއި ސަންޖޭ ދަތު އަދި ވާނީ ކަޕޫރު މުހިއްމު ރޯލަތަކުން ފެނިގެންދިޔަ "ޝަމްޝޭރާ" އަށް ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބިގެންދިޔަ ސަބަބާ ބެހޭ ގޮތުން ސަންޖޭ ދަތު ވާހަކަ ދައްކައިފި އެވެ.

ވަރުގަދަ ކާސްޓަކާ އެކު ބޮޑު ބަޖެޓަކުން އުފެއްދި "ޝަމްޝޭރާ" ސިނަމާގައި ރިލީޒްކުރިތާ ހަފްތާއެއް ވެގެންދިޔައިރު އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބިގެން ގޮސްފައި ވަނީ 36 ކްރޯޑުގެ އާމްދަނީ އެކެވެ.

"ޝަމްޝޭރާ"ގެ ނާކާމިޔާބީއާ ގުޅިގެން މީހުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ އެކްޓަރު ސަންޖޭ ދަތު ބެފައިވަނީ އެ ފިލްމުގައި އޭނާ ކުޅެފައިވަނީ މީގެ ކުރިން ނުކުޅޭ ކަހަލަ ކެރެކްޓާއެއް ކަމަށެވެ. އަދި އެ ފިލްމަކީ މޮޅު ފިލްމެއް ކަމަށާއި ކޮންމެވެސް ދުވަހަކުން ބެލުންތެރިންނަށް އެކަން ގަބޫލުކުރެވިގެންދާނެ ކަމަށް ވެސް ސަންޖޭ ބުންޏެވެ. ފިލްމު ބަލާ މީހުން އެ މީހުންނަށް ފެންނަ އެއްޗެއް އަބަދުވެސް ކިޔާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން "ޝަމްޝޭރާ"ގެ ޑައިރެކްޓަރު ކަރަން މަލްހޯތުރާ އަށް ސަންޖޭ ދަތު ވަނީ ތައުރީފުކޮށްފަ އެވެ. އަދި އޭނާ އަކީ މޮޅު ޑައިރެކްޓަރެއް ކަމަށް ވެސް ސަންޖޭ ބުންޏެވެ.

https://www.instagram.com/p/CgjHRDnPNcQ/

ސަންޖޭ ދަތުގެ އިތުރުން މި ފިލްމުގެ ނާކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު ކަރަން ވެސް ވަނީ އޭނާގެ އުދާސްތައް ބަންޑުކޮށްލައުފަ އެވެ.

ކަރަން ސޯޝަލް މީޑިއާގައި އާންމު ކުރި ކުރު ނޯޓެއްގައި ބުނީ ފިލްމަށް ލިބޭ ގެއްލުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ. އެއީ ވަރަށް ލޯބިން ކުރި މަސައްކަތެއްކަން ފާހަގަކޮށް ކަރަން ވަނީ ފިލްމުގެ ކްރޫ އާއި މުޅި ޓީމުގެ މަސައްކަތް ފާހަގަކޮށްފަ އެވެ. އޭނާ ބުނީ މި ފާއިތުވި ދުވަސްތަކުގައި "ޝަމްޝޭރާ"އާ ގުޅޭގޮތުން އެއްޗެއް ނުބުނެވި އޮތީ ފިލްމަށް އަންނަ ފާޑުކިޔުންތަކާ ގުޅިގެން ދެރަވެފައި ހުރުމުން ކަމަށެވެ.

އެކަމަކު އެ ހުރިހާ ފާޑުކިޔުމެއް ބަލައިގަނެ، ނަގަން ޖެހޭ ހުރިހާ ޒިންމާއެއް ނަގާ ކަމަށް ވެސް އޭނާ ބުންޏެވެ. "ޝަމްޝޭރާ"އަކީ އޭނާގެ މަސައްކަތެއް ކަމަށް ފަހުރުވެރިކަމާ އެކު އަދިވެސް ބުނާ ކަމަށް ކަރަން ބުންޏެވެ.

https://www.instagram.com/p/CggpA1-p0iV/?utm_source=ig_embed&ig_rid=c29f0ca3-0f1b-4445-ab41-8d34c7c62a1e

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 150 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ހަރަދުކޮށްގެން ގެނެސްދީފައިވާ މި ފިލްމަކީ އިނގިރޭސިންގެ އަޅުވެތިކަމުން މިންޖުވާ ހިޔާލީ ޝަހަރެއް ކަމަށްވާ ކާޒާގެ އަހުލުވެރިންނަށް އޭގެ ފަހުން ދިމާވާ އަޅުވެތިކަމާއި އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.