ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ޓްވިޓާ އެކައުންޓް ހެކްކޮށްފި އެވެ.

ރޮޒައިނާ މިއަދު ވިދާޅުވީ ޓްވިޓާ އެކައުންޓް ހެކްކުރިޔަސް އޭނާ ދައްކަންޖެހޭ ވާހަކަތައް ނޫސްތަކާއި ފޭސްބުކު އެކައުންޓް މެދުވެރިކޮށް ކުރައްވާނެ ކަމަށެވެ.

"ޓްވިޓާ އެކައުންޓް ހެކްކުރިޔަސް ބުނަންޖެހޭ އެއްޗެއް ބުނާނަން. ކުރަންޖެހޭ ކަމެއް ކުރާނަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ ޓްވިޓާ އެކައުންޓް ހެކްކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އޭނައާ ދެބޭފުޅުން ރޭ ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. އެގޮތުން ރޮޒައިނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އެބައޮތް ކަމަށް ސޯޝަލް މީޑިއާގައި ބުނާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ހެކި ދެއްކުމަށް ރޮޒައިނާ އެދިވަޑައިގަތުމުން އެމަނިކުފާނަށް ހެއްކެއް ނުދެއްކުނެވެ.

އަދި ފަހަކަށް އައިސް އުމަރު ޝުޖާއުގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް ހަދައިގެން ސާބިތުނުހިފޭ، އެއްވެސް ހެއްކެއް ނެތް ވާހަކަތަކެއް ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދައްކަނީ ރައީސް ނަޝީދު ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް އެ ތުހުމަތު ރައީސް ނަޝީދު ދޮގެއް ނުކުރައްވަ އެވެ.