ރަންބީރު ކަޕޫރާއި ޝްރަދާ ކަޕޫރުގެ ފިލްމުގެ ސެޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާގައި ހިނގާފައިވަނީ ރަންބީރާއި ޝްރަދާ ލީޑް ރޯލުން ފެނިގެންދާ ލުވް ރަންޖަންގެ ކުރިއަށް އޮތް ފިލްމުގެ ލަވައެއް ނެގުމަށް ތައްޔާރުކޮށްފައިވާ ސެޓެއްގައި އެވެ. ރާޖްޝްރީ ޕްރޮޑަކްޝަންސްގެ ފިލްމެއްގެ ސެޓް އެކޮށް އަނދާ ހުލިވެފައިވާއިރު މި ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ.

ފަސް ގަޑިއިރު ފަހުން އަލިފާން ނިންވާލިއިރު ރާޖްޝްރީ ޕްރޮޑަކްޝަންސްގެ ފިލްމު ސެޓް ވަނީ އަނދާ ހުލިވެފަ އެވެ. އަދި މި ހާދިސާގައި އެކަކު މަރުވެފައިވާއިރު އެކަކަށް ވަނީ އަނިޔާވެފަ އެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މި ފިލްމަކީ ރަންބީރާއި ޝްރައްދާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމުގެ ބައެއް މަންޒަރުތައް މުމްބާއިގައި ކުރިން ޝޫޓްކޮށްފައިވާއިރު ސްޕެއިން އާއި މޮރިޝަސްގައި ވެސް ބައެއް ޝޫޓިންތައް ބާއްވާފައިވެ އެވެ.

ލުވް ރަންޖަން ފިލްމުން އެކްޓިން އަށް ތައާރަފްވަމުން އަންނަ ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރު ހުކުރު ދުވަހު ބޮމްބޭ ޓައިމްސްއަށް ދިން އިއްޓަވިއުއްގައި ބުނެފައިވަނީ ސެޓްގައި ހިނގަނީ ހަމައެކަނި ލައިޓިންގެ މަސައްކަތް ކަމަށެވެ.

ޓައިމްސްގައި ޝާއިއުކުރި ރިޕޯޓެއްގައި ވެސް ބުނެފައި ވަނީ ފިލްމުގެ ސެޓުގައި އަލިފާން ރޯވި އިރު ދަރުމެންދުރާގެ ކާފަދަރިފުޅު އަދި ރާޖްޝްރީ ޕްރޮޑަކްޝަންސްގެ ފިލްމަކުން ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވަމުން އަންނަ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރާޖްވީރު ފިލްމެއްގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

ސެޓުގައި ރޯވުމާ ގުޅިގެން ފިލްމުގެ ޝޫޓިން ވަނީ މުއްދަތެއް ނެތި މަޑުޖައްސާލައިފަ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.