ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުކަމުން ވަކިކޮށްދޭން އެ ޕާޓީގެ މަޖިލިސް މެންބަރުން ޕާލަމެންޓްރީ ގްރޫޕްގައި އެދެން ފަށައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލިޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ގިނަ އަދަދެއްގެ މެންބަރުން އޭނާ ގާތު ބުނަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަން ޕާލަމެންޓްރީ ގްރޫޕްގެ ޖަލްސާއެއް ބާއްވައިދިނުމަށް ވެސް މެންބަރުން އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އާ ދައުރަކަށް މަޖިލިސް ހުޅުވޭއިރު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެދެމުން ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޮލުގައި ޒިނޭގެ ތުހުމަތު އެމަނިކުފާނު އެޅުވުމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ނަޝީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް އަދިވެސް އެމަނިކުފާނު އެފަދަ މައްސަލައެއް ހުށަހަޅާފައިނުވެ އެވެ.

ރައީސް ސޯލިހު ޒިނޭކުރާ ހަތަރު ފޮޓޯއެއް ހުރިކަމަށް ނަޝީދު ވިދާޅުވެފައި ވާތީ އެފަދަ ފޮޓޯތަކެއް ހުރިނަމަ އެމްޑީޕީގެ ގައުމީގެ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ހިއްސާކޮށްދިނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެދިފަ އެވެ. ނަމަވެސް ނަޝީދަކަށް އެކަމެއް ނުކުރެއްވުނެވެ.

ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ، ރައީސް ސޯލިހުގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވީ އެމަނިކުފާނުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކްވި މައްސަލާގައި އޭނާ ހައްޔަރުކުރުމުންނެވެ.

ރައީސް ނަޝީދު ވަނީ އެކަމާ ވަރަށް ބޮޑަށް ރުޅި ގަދަވެ، ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.