ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މަޖިލީހުގެ ރައީސް ނަޝީދު އާއި ނައިބް ރައީސް އީވާ މަގާމުން ވަކިކުރުމަށް ގޮވާލައި ކުރިއަށް ގެންދާ އޮންލައިން ޕެޓިޝަނުގައި މިހާތަނަށް 30 ހަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.

މި ޕެޓިޝަނާ އެކު "އިމްޕީޗް ނަޝީދު"ގެ ނަމުގައި ސޯޝަލް މީޑީއާގައި ހާއްސަ ހޭޝްޓެގެއް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ޕެޓިޝަނެއްގެ މަސައްކަތް ފަށާފައި މިވަނީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ފާހިޝް ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ލިވާތުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ވަކީލުކަމުގެ ހުއްދަ ހިފަހައްޓާފައިވާ މަޝްހޫރު ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ދިފާޢުގައި ތެދުވެވަޑައިގަތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

މި ޕެޓިޝަންގައި ބުނެފައި ވަނީ ދިވެހިން ބަލައިގެންފައިވާ އިޖުތިމާއީ އަދި ދީނީ ހަމަތަކަށް ރައީސް ނަޝީދު މެދުނުކެނޑި ފުރައްސާރަ ކުރަމުންދާ ކަމަށެވެ. އަދި ފާހިޝް އަމަލުތައް ދިފާއުކޮށް މުޅި ގައުމުގެ އަގުވައްޓާލުމަށް ނަޝީދު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު އަދި ނައިބް ރައީސްގެ މަގާމުން އީވާ އަބްދުﷲ ދުރުކުރުމަށް މަޖިލީހުގެ މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.

ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ބައެއް މެންބަރުންނާއި ބައެއް އާންމުން ވެސް ގޮވާލަމުން ގެންދާއިރު މަޖިލިސް މި ވަގުތު އޮތީ ޗުއްޓީގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަލުން ފަށާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.