ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުން މުހައްމަދު ހިސާން އަލީ ފަހްމީ ހިސްކޮއާ ހަވާލުކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގެ މީޑިއާ ގުރޫޕަށް ކުރެއްވި މެސެޖުގައި އިބްރާހިމް ހޫދު ވިދާޅުވީ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި މިއަދުން ފެށިގެން މަސައްކަތް ކުރާނީ ހިސާން ކަމަށެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީން މާކެޓިން އެންޑް އިންޓަނޭޝަލް ބިޒްނެސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ހިސާން ވަނީ މީގެ ކުރިން ދިރާގުގެ މާކެޓިން ޑިޕާޓްމަންޓުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އޭނާ ރައީސް އޮފީހާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ.

މިހާތަނަށް އެ ޑިޕާޓުމެންޓުގެ މަސައްކަތްތައް ކުރައްވަމުން ގެންދެވީ ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ޑިޕާޓުމެންޓުގެ ވެރިޔާ އަދި ކުރިން ރައީސް އޮފީހުގެ ތަރުޖަމާންކަންވެސް ކުރެއްވި އިބްރާހީމް ހޫދު އެވެ.

އެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.