އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޮލިޝަނުންގެ ފަރާތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީނަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕީއެމްއިން ބުނީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައި ރަސްމީކޮށް ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ޔާމީންނަށް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ސެނެޓް ބައްދަލުވުމުގައި ފާސްކޮށްފަ އެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، މީގެ ކުރިން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން އެމަނިކުފާނު ވަކި އެއްޗެއް ހާމަކުރަށްވާފައެއް ނުވެ އެވެ.

ޕްރައިމަރީ އަކަށް ނުގޮސް އިދިކޮޅު ކޯލިޝަންގެ ޓިކެޓް ރައީސް ޔާމީނަށް ދިނުމުން ބައެއް ފަރާތްތަކުން ގެންދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ޕްރައިމަރީ އަކަށް ހުޅުވާލި ނަމަވެސް އިދިކޮޅު ކޯލިޝަންގައި ރައީސް ޔާމީނާ ވާދަކުރައްވައިގެން ޓިކެޓް ހޯއްދަވާ ބޭނުންވާ ބޭފުޅަކު ނެތް ކަމަށެވެ. ސަބަބަކީ ގައުމު މިއަދު އޮތް ހާލަތުން އަރައިގަނެ ރަނގަޅު މިސްރާބަކަށް ގައުމު ގެންދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އަދި ރައީސް ސޯލިހުގެ އިތުރުން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ރޭހުގައި ވާދަކުރައްވާނެކަން އިއުލާނު ކުރަށްވާފަ އެވެ.

ޖުމްހޫރީ ޕާޓީންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާއިރު، އެމްއެންޕީ އާއި އެމްޑީއޭއިން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ސިޔާސީ ޕާޓީތަކުގެ އިތުރުން އާއްމު ބައެއް ފަރުދުންވެސް ވަނީ 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފަ އެވެ.