އެމްޑީޕީއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަފާތު ދެ ސިޔާސަތެއް ނުވަތަ "ޑަބަލް ސްޓެންޑަޑެއް" ގެންގުޅޭ ޕާޓީއެއްކަމީ ސާފުކޮށް ފެންނަން އޮންނަ ހަގީގަތެކެވެ. ޕާޓީގެ ނަމަށް ވިސްނާލިއަސް މިކަން ދޭހަވެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ނުވަތަ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަން ދަންނަ ނަމެއް ނޫނެވެ.

އެ ކޮމިޝަނުގައި ރަޖިސްރީވެފައި އޮންނަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެވެ. އެ ނަމުން އެ ޕާޓީއަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަނީ ހަމަ އެކަނި އެ ޕާޓީގެ އެންމެ "މުގައްދަސް" މެންބަރުކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ދިވެހި ބަހުން ވާހަކަފުޅު ދައްކަވާއިރު ގިނަ ފަހަރަށް ބޭނުން ކުރައްވަނީ ޕާޓީގެ އަސްލު ނަމެވެ. ބޭރު ބަސްބަހުން ވާހަކަ ދައްކަވާއިރު ބޭނުން ކުރައްވަނީ އެމްޑީޕީ އެވެ. މިއީ ރާއްޖޭގެ އެހެން އެއްވެސް ޕާޓީއެއްގައި ހިނގާ ކަމެއް ނޫނެވެ. އަދާލަތު ފާޓީއަށް ޖަސްޓިސް ޕާޓީއޭ، ޖުމުހޫރޫ ޕާޓީއަށް ރިޕަބްލިކަން ޕާޓީއޭ ކިޔައެއް ނޫޅެ އެވެ.

ޕާޓީގެ ނަމެކޭ އެއްފަދައިން އެމްޑީޕީގެ ސިޔާސަތުގައި ވެސް ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަފާތުކަން ފާހަގަކުރެވެ އެވެ.

އެމްޑީޕީގެ 17ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހަރުގޭ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ ޕާޓީގެ އިސްބޭފުޅުން

ރާއްޖޭގައި އިސްލާމްދީނަކީ އެ ޕާޓީގެ މައިގަނޑު އަސާސްކަމަށް ބުނި ކަމަަށް ވިޔަސް ޔޫރަޕްގެ ގައުމުތަކުގެ ސިޔާސާތާ، ހިސާބަށް ވުރެ ދޯޅުވުމުގެ ސަބަބުން އެ ގައުމުތަކުން އެމްޑީޕީއަށްކުރާ ތާއީދަކީ ރާއްޖޭގައި އެ ދައްކާ ވާހަކައަކީ އެޕާޓީން ބޭރަށް ދައްކާ ސިފައެއް ނޫންކަން ހާމަކޮށްދޭ ކަމެކެވެ.

އެމެރިކާ އާއި ޔޫރަޕުގެ ގައުމުތަކުން، އެހެން ގައުމުތަކާއި އެ ގައުމުތަކުގެ ޕާޓީތަކަށް ތާއީދުކުރުން ބިނާވެފައި އޮންނަނީ މައިގަނޑު ދެކަމެއްގެ މައްޗަށެވެ. އެއީ އެ މީހުން ގަބޫލުކުރާ ފެންވަރެއްގެ ޑިމޮކްޓިކް އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރުމެވެ.

ގައުމުތަކުގެ ރައްޔިތުންނަށް ދީނީ މިނިވަންކަން ލިބިދިނުމާއި ޖިންސީގުޅުމުގެ މިނިވަންކަން އޮތުން މިއީ ޔޫރަޕްގެ ޑިމޮކްރަސީ އާއި ހިއުމަން ރައިޓްސްގެ ވެސް މުހިންމު ދެ ނުކުތާ އެވެ. މީގެ އިތުރުން އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހައްދުތައް ގާއިމުކުރުން ހުއްޓާލުމަކީ ކުރަންޖެހޭ ކަންތަކެވެ.

ދިވެހިރާއްޖޭގެ ކަނޑުމަސް ޔޫރަޕަށް އެކްސްޕޯޓުކުރުމުގައި ނަގާ ބޮޑު ޑިއުޓީއަށް ލުޔެއް ނުލިބޭ ސަބަބަކީ ރާއްޖޭގެ ގާނޫނުން ކުރިން މިބުނި ކަންތަކަށް ހުއްދަ ނުލިބޭތީ އެވެ.

ޔޫރަޕިއަން ޔޫނިއަނުން އަބަދު ވެސް ބުނާ ވާހަކައަކީ ދިވެހި ސަރުކާރާއެކު އެ މައްސަލާގައި މަޝްވަރާކުރާނެ ކަމަށެވެ. ނަމަވެސް އީޔޫއިން އެއްތަނެއްގައި އިށީނދެ ވާހަކަ ދައްކަން ރުހޭ ބަޔަކު އެމްޑީޕީ ފިޔަވައި ރާއްޖޭގައި ތިބި ކަމަކަށް ނުވެ އެވެ.

އިސްލާމް ދީނުގެ މުހިންމު އަސާސްތަކުގެ މައްޗަށް ބިނާ ކޮށް ރާއްޖޭގެ ގާނޫނު އަސާސީގައި ހިމެނިފައިވާ ބައެއް މާއްދާތައް ބަދަލުކޮށް ޔޫރަޕުން ބޭނުންވާފަދަ ޑިމޮކްރަސީއަކާ އިންސާނީ ހައްގުތަކެއް ގާއިމް ކޮށްދެވޭނެކަމުގެ ކުޑަވެސް އުންމީދެއް އެ މީހުންނަށް އޮތީ އެމްޑީޕީ ވެރިކަމުގައި އޮވެގެންނެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންގެ ކިތަންމެ ބޮޑު އަޣުލަބިއްޔަތަކުން ހޮވުނަސް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ވެރިކަމެއްގައި ޔޫރަޕުން ދިވެހި ސަރުކާރާ މާ ގާތް ގުޅުމެއް ނުބާއްވާނެ އެވެ.

ރާއްޖޭގެ ގާނޫނުތަކުގައި ލިޔެވިފައި އޮތްކަމުގައި ވިޔަސް ރާއްޖޭގައި އިސްލާމް ދީނުގެ ހައްދުތައް ގާއިމު ނުކުރާނެކަމުގެ ޔަގީންކަން އެމްޑީޕީގެ ސަރުކާރުން ވަނީ ޔޫރަޕަށް ދީފަ އެވެ. ރާއްޖޭގައި މަރުގެ ހުކުމް ގާއިމުނުކުރާނެ ކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މެދުވެރިކޮށް ދާދި ފަހުންވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

އއ. ރަސްދޫ ކޯޓަށް ނާޒިމް ސައްތާރު ހާޒިރުކޮށް މުއްދަތު ޖެހުން: ފޮޓޯ ސޯޝަލް މީޑިއާ

އެމްޑީޕީން ހުޅަނގުގެ ގައުމުތައް ރުއްސަންކުރަމުން ގެންދާ ގަދަ ދަތުރުގައި އެންމެ ފަހުން ހޮޅިކޮށްލޮ ރާޅަކީ ދިވެހިންގެ ބަޔަކު އެއްޖިންސުގެ ގުޅުން ހިންގުން ފަޅާއެރުމުގެ މައްސަލަ އެވެ. ޚާއްސަކޮށް މިކަންތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ ކެނެރީގޭ ނާޒިމް ސައްތާރު ހިމެނުމަކީ މައްސަލަ އިތުރަށް ބޮޑުވި ކަމެކެވެ.

ސަރުކާރުގެ އިސް ވެރިންގެ މަސްލަހަތު އޮންނަ މިބާވަތުގެ ކަންކަމުގައި މިހާތަނަށް ސަރުކާރުން އަމަލު ކުރަމުން އައިސްފައި ވަނީ އެކަމެއް ކޮންމެވެސް ސިފައެއްގައި އޮއްބާލެވޭތޯ ބެލުމަށެވެ. އެއްޖިންސުގެ ގުޅުން ހިންގި ވީޑިއޯތަކުގެ މައްސަލާގައި ވެސް އެފަދައިން އަމަލުކުރި ކަމުގައި ފެނެ އެވެ. އެހެން ނަމަވެސް އެމްޑީޕީ ވެސް ހިމެނޭހެން ރާއްޖޭގެ ގިނަ ބަޔަކީ މިފަދަ ފާހިޝް އަމަލުތަކަށް ފާޅުގައި ދެކޮޅު ހަދާ ބަޔަކަށްވުމާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ނަޝީދުގެ މެދުގައި މިވަގުތު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ސަރުކާރަށް މަޖުބޫރުވި އެވެ. އެހެން ކަމުން ފުލުފުލުން ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓުތަކަކަށް ފަހު ނާޒިމް ސައްތާރާއި އެމައްސަލައިގައި ހިމެނޭ އިތުރު މީހުން ހައްޔަރުކުރުން ވީ ކުރީގެ ރައީސް ނަޝީދަށް ބޮޑު މައްސަލައަކަށެވެ.

ނާޒިމް ހައްޔަރު ކުރުމާއެކު އިނގިރޭސި ބަހުން ނަޝީދު ކުރެއްވި ޓުވީޓެއްގެ ޒަރީއާއިން އެމަނިކުފާނުގެ ކޮއްކޮ އެއްޖިންސުގެ ގުޅުން ހިންގުމުގެ ކުށުގައި ހައްޔަރު ކުރިކަން ދުނިޔެއަށް ވަނީ އިއުލާން ކުރައްވާފަ އެވެ. މިއީ ޔޫރަޕުން ދޫ ދޭ ވަރުގެ ކަމެއް ނޫނެވެ.

ކޮމަންވެލްތު ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އެއްޖިންސުގެ ގުޅުން ހިންގުމުގެ ހައްގަށް މަސައްކަތްކުރާ ފަރާތްތަކަށް އިނގިރޭސި ވިލާތުން އެތައް މިލިޔަން ޕައުންޑެއް ޚަރަދު ކުރައްވާނެ ކަމަށް އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ރާއްޖޭގެ ރައީސް އިބުރާހިމް މުހަންމަދު ސޯލިހުގެ ހާޒިރުގަ އެވެ. އެހެންކަމުން ޔޫރަޕުން މިކަމުގައި ޕްރެޝަރުކުރާނެ ވަރު ދިވެހި ސަރުކާރަށް ރަނގަޅަށް އެނގޭނެ އެވެ. ހަމަ އެފަދައިން އެ ޕްރެޝަރުކުރުވަން ރައީސް ނަޝީދު ބާރު އަޅުއަވަމުން ގެނަދަވާ މިންވަރު ވެސް އެ އޮތީ ފެންނާށެވެ.

މި މައްސަލާގައި އެމްޑީޕީއަށް އޮތީ ދެގޮތުން އެއްގޮތް ޚިޔާރުކުރުމެވެ. އެއްފަރާތުގައި އޮތީ އެމީހުންގެ ރަހުމަތްތެރި ޔޫރަޕުން ބޭނުންވާ ހިއުމަން އިންސާނީ ހައްގަށް ވަކާލާތުކުރުމެވެ. އަނެއްފަރާތުގައި ދިވެހިން ބޭނުންވާ ފަދައިން އިސްލާމް ދީނުގެ ހުކުމްތަކަށް ބޯލެނބުމެވެ. މިފަހަރުގެ އިމްތިހާނުގައި ދެފަރާތުގެ މެދުގައި ހިފެހެއްޓޭކަށް ނެތެވެ. ކޮންމެވެސް އެއްކޮޅެއްގައި ޖެހެން ޖެހޭނެ އެވެ. އެއްކޮޅުގައި ރައީސް ނަޝީދެވެ. އަނެއްކޮޅުގައި ރައީސް ސޯލިހެވެ. ކުރިމަތީގައި އޮތީ ބޮޑު އިމްތިހާނެކެވެ. ނުވަތަ އެމްޑީޕީގެ ފަހު އިމްތިހާނެވެ.