ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސުން އިންތިހާބު ކުރަން ނިންމައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕީޕީއެމް/ޕީއެންސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމީ، އެ ކޯލިޝަންގެ ހުރިހާ ގުނަވަންތަކެއް މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވުން އިތުރުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް 2023 ކާމިޔާބުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ރައީސް އަބްދުﷲ ޔާމީން މިއަދު މި ގެންނެވީ ވަރަށް ބޮޑު ބަދަލެއް. މި ބަދަލަކީ ދާއިރާތަކުގެ ރައްޔިތުން ބޭނުންވި ބަދަލު. މި ބަދަލު އެ މަނިކުފާނު އެ ގެންނެވީ ދާއިރާތަކުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް،" މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ދާއިރާ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ހަރާކާތުގެ ރައީސް އާއި ޒުވާނުންގެ ހަރަކާތުގެ ރައީސުން އިންތިހާބަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައި ވާ ކަމަށެވެ.

ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި އެ މަގާމުތަކަށް ކުރިމަތި ލެވޭނީ އަދި ވޯޓް ލެވޭނީ ވެސް އުމުރުން 35 އަހަރުން ދަށުގެ މެންބަރުންނަށެވެ. އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި ވޯޓްލެވޭނީ ދެ ޕާޓީގެ އަންހެން މެންބަރުންނަށެވެ.

ޕީޕީއެމް ޕީއެންސީ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ޕާޓީގެ އޮފީހުންނާއި ޕާޓީގެ މީޑިއާ ޕްލެޓްފޯމްތަކުން ޑައުންލޯޑްކުރަން ލިބޭނެ ކަމުގައި އިންތިހާބު ކޮމިޓީން ބުނެފައިވެ އެވެ. އެގޮތުން ޕާޓީ އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން ހަވީރު 4 އަށް އަދި ރޭގަނޑު 8 އިން ފެށިގެން 10 އަށެވެ.

ހުކުރު ދުވަހު ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 2:30 އިން ހަވީރު 5 އަށް ކަމުގައި ޕީޕީއެމުން ވަނީ ބުނެފަ އެވެ. އެތެރޭގެ އިންތިހާބުތަކުގެ މަގާމްތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި އޯގަސްޓް މަހުގެ 13 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ކަމަށް ޕީޕީއެމް އިން ބުނެފައިވެ އެވެ.

ޕީޕީއެމްގެ ފަރާތުން މި އިންތިހާބުގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ 15 ސެޕްޓެމްބަރުން ފެށިގެން އެއް ހަފްތާ އަށް ކަމަށް ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ ފަރާތުން ވަނީ ބުނެފަ އެވެ. ރީ-ރަޖިސްޓްރީ ކުރަންޖެހޭނީ ޕީޕީއެމް/ ޕީއެންސީގެ މާލޭގައި ދިރިއުޅޭ މެމްބަރުންނެވެ.