ބޮޑެތި ކުށްތައް އާއްމުވަނީ ގާނޫނު ނެތިގެން ނޫން ކަމަށާއި އެކަން ހައްލުވާނީ އިސްލާމީ ޝަރީއަތް ގާއިމްކުރެވިގެން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ ބޮޑެތި ކުށްތައް ރާއްޖޭގައި އާއްމުވަނީ ގާނޫނު ނެތިގެން ނުވަތަ ގާނޫނު ހަރުކަށި ނުވެގެން ނޫން ކަމަށެވެ. އަނިޔާވެރިންނަށް ހައްގު އަދަބު ނުދެވެނީ ވެރިންގެ އިހްލާސްތެރިކަން ނެތުމުން ކަމަށާއި ތަހުގީގު އިދާރާތަކުން ފެށިގެން މުޅި އަދުލުގެ ނިޒާމު ކޮރަޕްޓުވެފައި އޮތުމުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މިކަމަށް އޮތް ހައްލަކީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ
"ހޯދާ ހެއްކާ، ހެކި ހޯދާ ގޮތާ ޗެއިން އޮފް ކަސްޓަޑީ ދުވަހަކު ފުރިހަމަނުވޭ. ހައްލަކީ އިސްލާމީ ޝަރީއަތް ގާއިމުކުރުން" ޝިޔާމް ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ވަގުތެއްގައި ހ.ޝެރީންވިލާގައި 22، އަހަރުގެ އަންހެނަކު މަރާލާފައި އޮތްވާ ވަނީ ފެނިފަ އެވެ. ހާދިސާ ހިނގި ރޭ އެ ސަރަހައްދުން އެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި އަލީ ސާހިލް މިހާރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
އަނިޔާވެރި ގަތުލާއެކު މަރަށް މަރު ހިފުމުގެ ބަހުސްވެސް އަނެއްކާވެސް ވަނީ ފެށިފަ އެވެ. އެކަމުގައި ހަރުކަށި އަދަބުދިނުމަށް ގޮވާލާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 1204 އަދި 1205 މާއްދާގެ ދަށުން މަރަށް މަރު ހިފުމަށް ގާނޫނުގައި މިހާރުވެސް އޮވެ އެވެ. އެކަމަކު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒެއް ނުކުރެ އެވެ.
އަދި މީގެ އިތުރުން ރާއްޖޭގައި އިސްލާމް ދީނާ ފުށުއަރާ އެތަކެއް ކަމެއް މީގެ ފަހުން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ލިވާތު ކުރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުން ދިވެހި މުޖުތަމައުގެ ތެރޭގައި އާންމުވެގޮސްފަ އެވެ. އެހެން ނަމަވެސް ސަރުކާރުން މިކަންކަމުގައި އެކަށީގެންވާ މިންވަރަށް މިކަންތައްތައް ތަހުގީގް ކުރުމަށް ނުދާ ކަމަށް އަންނަނީ ބުނަމުންނެވެ.