ގާނޫނު ހިންގަންވާނީ އެންމެނާ މެދު އެއް ހަމައަކުން ނޫން ކަމަށާއި ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ގައުމުގެ މިހާރުގެ ހަލާތަށް އިޝާރާތްކޮށް ޝަހީމު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހައްޔަރުގައި ތިބީ އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު ވަކި ފަރާތްތަކެއްކަމަށެވެ. އަދި ދެން ތިބި ފަރާތްތައް ތިބީ މުޖުތަމައުގައި ދޫވެފައި ނޫނީ މަގާމްތަކުގައިކަމަށާއި ގާނޫނު ހިންގަންވާނީ އެންމެނާ މެދު އެއް ހަމައަކުންކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.
"ގާނޫނު ހިންގަންވާނީ އެންމެނާ މެދު އެއް ހަމައަކުން. ގާނޫނު ހިންގަންވީ ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަންޏެއްނޫން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމު ކުރެއްވި އެހެން ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީއިން ބާރު ލިގެންވާ މަގުން އިސްލާމީ ޝަރީއަތް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.
ޝާހީމްގެ ވާހަކަތަކަށް ތާއީދު ކުރައްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިވާތުގެ ވީޑިއޯތައް ޢާންމުކޮށް މިކަން ''އެއްގޯސްކުރަން'' މަސައްކަތްކުރި މީހުން ފޮރުވައިގެން ނުވާނެ ކަމަށާއި އެ މީހުންނަށް ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
''އަދި ހަމަ މިގޮތަށް ރޭވި އިންތިޒާމުވެގެން އެ ކަންކަން ކުރުވައި، ވީޑިއޯކޮށް، އެ ތަކެތި ބޭނުންކޮށްގެން ބްލެކްމެއިލްކޮށް، މިލިއަނުން ފައިސާ ނަގައި، މުޅި މުޖުތަމައުގައި އެ ތަކެތި ޢާންމުކޮށް، މިކަން އެއްގޯސްކުރަން މަސައްކަތް ކުރި މީހުން ފޮރުވައިގެން ނުވާނެ،" ވައްޑެ ވިދާޅުވި އެވެ.
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި، މައްސަލައިގައި މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެވެ. މިހާރު މިމީހުންގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފަ އެވެ.
މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ، ނަސީރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.