ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގަރާރެއް އެމްޑީޕީގެ ކޮންގުރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.

މިގަރާރު ރައީސް ނަޝީދު އެމްޑީޕީގެ ކޮންގުރެސްއަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ ނައިބް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ތާއީދާއެކު އެވެ.

މި މަހުގެ 19 ގައި ބާއްވާ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި، އެކު އެ ހުށަހެޅުން ކުރިޔަށް ނުގެންދެވިއްޖެ ނަމަ ރާއްޖޭގެ ވެރިކަމަށް އަންނަ ފަރާތަކީ އެއީ 30 އިންސައްތައިން ކާމިޔާބު ކުރެވޭ ގޮތަށް ބަދަލު ކުރުން ހިމެނެ އެވެ.

ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ވަނީ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ރޭވިފައި އޮތް ގޮތުން ސަރުކާރުގެ އެންމެ އިސް ފަރާތް ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް، އެމްޑީޕީން އެހެން ޕާޓީތަކަކާއިއެކު އިންތިހާދުވުމުން ސަރުކާރުން ހިންގުން ގަނޑުބަޑުވެ އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވާ ނުދެވި ސަރުކާރާއިމެދު އާންމު މެންބަރުން އިތުބާރު ކުޑަވެގެންދާތީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ހުށައަޅާކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި އެ ވޯޓުގެ ނަތީޖާއަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ފާސް ވެއްޖެނަމަ އިސްވެ ދެންނެވި ބަދަލުތައް ގާނޫނު އަސާސީއަށް ގެނައުމަށެވެ.

އެ ގަރާރުގެ ދަށުން ގާނޫނު އަސާސީއަށް ގެންނަން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ އެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ތާއީދު އޮންނަ ބޮޑުވަޒީރެއް ކަމުގައި ހަމަޖެއްސުމާއެކު، ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ރައީސް އިންތިހާބުކުރާނީ ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކު އެ މަގާމަށް އިންތިހާބުކޮށްގެން ކަމަށްވެސް ނަޝީދު ހުށަހެޅުއްވި އެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސަށް ލިބިދޭ ބާރުތަކާއި ބޮޑުވަޒީރު ސަރުކާރު ހިންގަވާއިރު ރައީސަށް ލިބިވަޑައިގަންނަވާ ބާރުތައް ގާނޫނު އަސާސީގައި ކަނޑައެޅުމަށް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އޭގެ އިތުރަށް މަޖިލީހުގެ ދާއިރާތަކުގެ މެންބަރުން ތަމްސީލުވާނެ ގޮތްތަކާއި، މަޖިލިސް އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބިނާކޮށް "ނޭޝަނަލް ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށްވެސް އެ ގަރާރުގައި ބަޔާންކުރެ އެވެ. އަދި މަޖިލީހުގެ މެންބަރުންގެ އަދަދު 87 މެންބަރުންނަށްވުރެ އިތުރުނުވާނެ ގޮތަކަށް މެންބަރުންގެ އަދަދު ހިފަހައްޓަން ހުށަހެޅުއްވި އެވެ.

އޭގެ އިތުރަށް ސަރުކާރު ހިންގާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވައިލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެނެސް، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ސިފަތައް ގާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކުރަން އެ ގަރާރުގައި ހުށަހަޅުއްވާފައިވެ އެވެ.

އެމްޑީޕީގެ ކޮންގުރެސް މި މަހުގެ 19 ވަނަ ދުވަހުގައި ބާއްވަންވަނީ ނިންމާފަ އެވެ. އެ ކޮންގުރެސްއަކީ އެ ޕާޓީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނާނެ ކެނޑިޑޭޓާއި ޕާޓީގެ ރައީސް މަގާމުގައި ހުންނެވުމާއި ދުރުކުރުން ފަދަ މުހިއްމު ކަންކަން ނިމިގެންދާނެ ކޮންގުރެސްއެއް ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.