އިސްލާމީ ދީނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން ގިސާސް ހިފުމަކީ އަދިވެސް ގަބޫލު ކުރައްވާ ގޮތްކަމަށް ކުރީގެ ރައީސް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ގިސާސް ހިފުމާމެދު އެމަނިކުފާނުގެ ސިޔާސަތު ބަދަލު ނުވާކަމަށެވެ. ގިސާސް ހިފޭމިންވަރަށް މައްސަލަ ތަހުގީގުކޮށް އިންސާފު ވެރި ޝަރީއަތެއްކޮށް ނިންމާ ހުށަހަޅައިފި ނަމަ ދެން ވެރިކަން ލިބުނަސް މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.

"އަޅުގަނޑު އޭރު ކެބިނެޓަށް މައްސަލަ ގެންދިޔައީ އަޅުގަނޑު ހަމަ ޕާސަނަލީ ވިތް ކޮންވިކްޝަން، ވިތް ސްޓްރޯންގް ކޮންވިކްޝަން ގަބޫލު ކުރަން ގިސާސް ހިފަން ޖެހޭނެ ކަމަށް" ރައީސް ޔާމީން ވިދާޅުވި އެވެ.

ބައެއް ފަރާތްތަކުން ރައީސް ޔާމީންގެ ވެރިކަމުގައި ގިސާސް ނުހިފީ ކީއްވެތޯ ކުރަމުންދާ ސުވާލަށްވެސް އެމަނިކުފާނު ވަރަށް ތަފްސީލްކޮށް ޖަވާބު ދެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އޭރުގެ ކެބިނެޓުން ނިންމައި ގިސާސް ހިފުމަށް ވާންޖެހޭ ތައްޔާރީތަށް ވެފައި ވާނެކަމަށާއި އެގޮތުން ދޫނިދޫގައި މަރުގެ އަދަބު ދިނުމަށް ޗެމްބަރެއް ތައްޔާރު ކުރެއްވި ކަމަށެވެ. ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރާވާހަކަ ދެއްކި ހިސާބުން ކޯޓުތަކުން ގިސާސް ހިފޭމިންވަރަށް އެއްވެސް މައްސަލައެއް ނިމިގެން ރައީސުލް ޖުމްހޫރިއްޔާ އާ ހަމައަށް ނާންނަ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ. އެހެންކަމުން އެއީ ރައީސް ޔާމިން މަރަށް މަރު ނުހިފީ ކަމަށް ބުނެވޭނެ ޖާގައެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމިން ވިދާޅުވީ މަރަށް މަރު ހިފުމަށް އޭރުގެ ކެބިނެޓުން ގައިޑްލައިންނެއް ތައްޔާރު ކުރެއްވި ކަމަށާއި ނަމަވެސް ދީނުގައި އަދި ޝަރުއުގައި އޮންނަ ގޮތުން މަރަށް މަރު ހިފުމުގެ ކުރިން ވާރިސުންނާއި ދައްކަން ޖެހޭ ވާހަކަތަކެއް ހުންނާނެ ކަމަށާއި އަދި އިސްލާމިކް ކައުންސިލިން އެމީހުންނަށް ދޭންޖެހޭ ކަމަށް އޮންނަ ކަމަށެވެ.

މިހުރިހާ ކަންކަން ފުރިހަމަ ކުރުމަށްފަހު ދެންވެސް ވާރިސުން ބުރަވަނީ މަރަށް މަރު ހިފަން ކަމުގައި ވާނަމަ އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވާރިސުންގެ ތެރޭގައި ގިސާސް ހިފުމަށް އިންކާރު ކުރާ މީހުންވެސް ތިބިތޯ ބަލައި އެމީހަކަށް އެފުރުސަތު ވެސް ދޭން ޖެހޭކަމަށެވެ.

ރައީސް ޔާމީންވަނީ އެންމެ އިންސާފުވެރި ކަމާއެކު މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުރި ދަތިތަކުގެ މައްޗަށްވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ޔާމިން ވިދާޅުވީ ދިވެހިރާއްޖޭގައި މިފަދަ މައްސަލަ ތަކުގައި ކުރެވޭ ތަހުގީގު ތަކާއި ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރު ނެތް ކަމަށެވެ. ޝަރުއީ މަރުހަލާ ފެށޭ ހިސާބަކީ ތަހުގީގު ކަމަށާއި، ތަހުގީގުގެ ފޭރާން އެހާ ދަށް ކަމުގައިވާނަމަ ފަނޑިޔާރުން މައްސަލަ ނިންމަނީ ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅޭ ފެކްޓް ތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ގިސާސް އަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ކަމުގައިވީނަމަވެސް، މިއަދު ޖިނާއީ ތަހުގީގުގެ ފޭރާމެއް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.