ށ. އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްގީކޮށްދިނުމަށް ރައީސް އިބްރާހިމް ސޯލިހުގެ އަރިހުގައި އެ އަތޮޅު ފޭދޫ ކައުންސިލުން ދަންނަވައިފި އެވެ.

ފޭދޫ ކައުންސިލުން މިގޮތަށް ދެންނެވީ މިއަދު ރައީސް އޮފީހުގައި ރައީސް ސޯލިހުއާއެކު ބޭއްވި ބައްދަލުވުމުގައި އެވެ.

މިބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލުން ވަނީ، ފޭދޫގެ ތަރައްގީއަށް ކުރަންހުރި ކަންކަން ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވަމުން ގެންދަވާ ކަމަށް ފާހަގަކުރައްވާފަ އެވެ. ރަށުގެ ތަރައްގީއަށް އަމާޒުކޮށް ވޭތުވެދިޔަ ސަރުކާރުތަކުން ހިންގައިފައިނުވާހާ ގިނަ ތަރައްގީގެ މަޝްރޫއުތައް މިހާރު ވެސް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވެވި އެވެ. އަދި ކައުންސިލުން ވަނީ އެކަމަށްޓަކައި ފޭދޫގެ ރައްޔިތުންގެ ނަމުގައި ރައީސް ސޯލިހަށް ޝުކުރުއަދާކުރައްވާފަ އެވެ.

ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން ވަނީ އެރަށުގެ ޒުވާނުނަށް ހޭންޑްބޯލް ކުޅޭނެ ކޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ތަރައްގީކޮށްދެއްވުމަށާއި، ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށުގައި އިތުރު ޕޮލިހުން މަސައްކަތްކުރެވޭނެ މަގުފަހިކޮށްދެއްވުމަށާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދަން ބޭނުންވާކަމަށް ރައީސް ސޯލިހުގެ އަރިހުގައިވަނީ ދަންނަވާފަ އެވެ. މީގެ އިތުރުން މިހާރު ތަރައްގީކުރަމުންދާ ބަނދަރަށް ގެންނަންބޭނުންވާ ބަދަލުތައް ވެސް ކައުންސިލް މެމްބަރުން ވަނީ ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ. .

ރައީސް ސޯލިހު ވަނީ، ސަރުކާރުން ފޭދޫގައި ކުރިޔަށް ގެންދާ ކަންކަން އެރަށުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ބަނދަރުގެ މަޝްރޫއު ނިމިގެން ދާއިރު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރެވިގެންދާނެކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.