ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް" ގެ 11 ވަނަ ސީޒަންގައި ވާދަކުރި ނެށުންތެރިޔާ ސަޕްނާ ޗައުދަރީ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މަޝްހޫރު ނެށުންތެރިޔާ ސަޕްނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ ޑާންސް ޕްރޮގުރާމެއް ކެންސަލް ކުރުމުގެ ސަބަބުންނެވެ.

ލަކްނޯ ކޯޓްގެ އަމުރާއެކު ސަޕްނާ ހޯދުމުގެ މަސައްކަތް ލަކްނޯގެ ފުލުހުން އަންނަނީ ކުރަމުންނެވެ.

ކޯޓުން ސަޕްނާ ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓަށް ހާޒިރުނުވުމުގެ ސަބަބުންނެވެ. އަދި ސަޕްނާގެ ފަރާތުން މިމައްސަލަ އިސްތިއުނާފުކޮށްފައިވެސް ނުވާތީ އެވެ.

މިމައްސަލާގައި ދެން އަޑު އެހުމެއް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހަށެވެ.

ޑާންސް ޕްރޮގުރާމް ކެންސަލް ކުރި މައްސަލާގައި ސަޕްނާގެ އިތުރުން އެހެން ބައެއްގެ މައްޗަށްވެސް ވަނީ ދައުވާ ކޮށްފަ އެވެ.

މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 13 ވަނަ ދުވަހު ބޭއްވި ހަރަކާތުގައި ބައިވެރިނުވެ އަދި އެމީހުން އަތުން ނަގާފައިވާ ފައިސާ އަބުރާ ދައްކާފައިނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ދިއްލީ ފުލުހުންނަށް ވަނީ ސަޕްނާގެ މައްޗަށް މަކަރުހެދުމާއި އަމާނާތަށް ހިލާފުވުމުގެ ތުހުމަތުގައިވެސް މައްސަލައެއް ހުށަހަޅާފަ އެވެ.

2020 ވަނަ އަހަރު ލަވަކިޔުންތެރިޔާ ވީރު ސާހޫއާ ސަޕްނާ ކައިވެނިކޮށްފައިވާއިރު އެދެމީހުންގެ ދަރިޔަކުވެސް ހުރެ އެވެ.