އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

މިއީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި 10 ވަނަ ފަހަރެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ހާނުނުގެ ދަށުން، މުޅި ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރީ މިއަހަރުގެ މާޗް 12ގަ އެވެ. އެއީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ މި މުއްދަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވަނީ، މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތުމުން ކަމަށެވެ. އެގޮތުން 12 މާޗްގައި އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެއްމެ ފަހުން އިއުލާންކުރި ހެލްތު އިމަޖެންސީ މިއަދަށް ހަމަވާނެ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 13،143 ޖެހިފައިވެ އެވެ. އޭގެ ތެރެއިން މިހާތަނަށް 12،199 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑްގައި 47 މީހަކު ވަނީ މަރުވެފަ އެވެ.