ވިލަމާލެ ފަރަށް އަރާފައިވާ އެފްކޮންސްގެ ޕްލެޓްފޯމް ނުނެގިގެން އުޅެނީ ކަނޑު ގަދަ ކަމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެފްކޮންސްއިން މިހެން ބުނެފައިވަނީ ދެދުވަސް ތެރޭގައި ޕްލެޓްފޯމް ނަގާނެ ކަމަށް ބުނެ ނުނެގޭތީ އެކަމާ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އެފްކޮންސް އިން ނެރުނު ބަޔާނެއްގައިވަނީ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި މޫސުން ރަނގަޅުވެ ކަނޑު މަޑުވިހާ އަވަހަށް އަލުން މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަށް ޓީމުތައް ތިބީ ތައްޔާރަށް ކަަމަށާއި ޕްްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތް ކުރާނީ ވިލިމާލެ ފަރަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ވިސްނައިގެން ކަމަށެވެ.
މި ޕްލެޓްފޯމް ފަރަށް އަރާ ފަރުގައި ޖެހި ވިލިމާލެއަށް އޭގެ ލޮޅުން އަންނަ ކަމަށްބުނެ ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޕްލޭނިންގް މިނިސްޓްރީން މި ހާދިސާ ހިނގިތާ ދެދުވަސްފަހުން އެފްކޮންސްގެ ދިފާއުގައި، ނޫސްވެރިންނަށް ލައިވް ނުކުރެވޭ ގޮތަށް ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނެފައިވަނީ މިހާ ބޮޑު ޕްރޮޖެކްޓެއް ކުރިއަށްދާއިރު އެވަރުގެ ކަމެއް ހިނގާފާނެ ކަމަށެވެ.