ދުނިޔޭގައި މިވަގުތު ދިރިހުރި އެންމެ ދިގު އަންހެނާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ތުރުކީގެ ރުމޭސާ ގެލްގީ ދުނިޔޭގެ އިތުރު ތިން ރެކޯޑެއް ހޯދައިފި އެވެ.
މިއާއެކު ރުމޭސާއަކީ ދުނިޔޭގެ ރެކޯޑު ފޮތުން ފަސް ރެކޯޑެއް އޭނާގެ ނަމުގައި ވާ ފަރާތެކެވެ. އެގޮތުން އޭނާއަށް ލިބިފައިވާ ރެކޯޑުތަކުގެ މިހާރު ތެރޭގައި ހިމެނެނީ
- ދުނިޔޭގައި ހުރި އެންމެ ދިގު ޓީންއޭޖާ (2014) - 07 ފޫޓު 0.09 އިންޗި
- ދުނިޔޭގައި ދިރިހުރި އެންމެ ދިގު އަންހެން މީހާ (2021) - 07 ފޫޓު 0.7 އިންޗި
- ދުނިޔޭގެ އެންމެ ދިގު އިނގިލި - އަންހެން (2022) - 11.2 ސމ
- ދުނިޔޭގެ އެންމެ ބޮޑު އަތް - އަންހެން (2022) - ކަނާތުގައި 24.93 ސމ އަދި ވައަތުގައި 24.26 ސމ
- ދުނިޔޭގެ އެންމެ ދިގު ބުރަކަށި - އަންހެން (2022) - 59.9 ސމ
ރުމޭސާގެ އިސްކޮޅު އެންމެ ފަހުން ބެލިއިރު އޭނާގެ އިސްކޮޅުގައި ހުރީ 215.16 ސެންޓިމީޓަރެވެ. އެއީ 07 ފޫޓު 0.7 އިންޗި އެވެ.
މިހާރު އުމުރުން 25 އަހަރުގެ ރުމޭސާއަކީ ގާނޫނީ ވަކީލެއްގެ އިތުރުން ފްރަންޓް ލައިން ޑިވެލޮޕަރެކެވެ. އޭނާއަށް ވަނީ އުމުރުން އެންމެ 14 އަހަރުގައި ފުރަތަމަ ރެކޯޑު ލިބިފަ އެވެ.
ރުމޭސާގެ އާދަޔާޚިލާފު އިސްކޮޅުގެ ފަހަތުގައި ވަނީ އުފަންވީއްސުރެ އޭނާގެ ހުންނަ ބައްޔެކެވެ. އެކަމުގެ ސަބަބުން އެންމެ ކުޑައިރުއްސުރެ ވެސް ގިނަ ބަޔަކު އޭނާއާ ފުރައްސާރަކުރި ކަމަށް ރުމޭސާ ބުންޏެވެ.
އާއްމުކޮށް ފުރޮޅުލީ ގޮނޑިއެއްގައި އުޅޭ ރުމޭސާއަށް އޭނާގެ އިސްކޮޅުގެ ސަބަބިުން ހިނގާ އުޅެވެނީ ވަރަށް މަދުންނެވެ. މި ނުކުޅެދުންތެރިކަމާއެކު ވެސް އޭނާ އަންނަނީ ގިނަ ބަޔަކަށް މިސާލު ދައްކައިދެމުންނެވެ.