ޖަކާޓާ (29 އޮގަސްޓް) އިންޑޮނޭޝިއާގެ ޖަކާޓާއަށް ރެކްޓަ މިންގަނޑުން 6،4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިއަދު ހެނދުނު 08:29 ހާއިރު އައި އެ ބިންހެލުމުގެ ލޮޅުމުގެ އަސަރު ރާއްޖެއާ ހަމައަށް ވެސް ކޮށްފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، ނެޝަނަލް މީޓިއޮރޮޖިކަލް ސެންޓަރުން ބުނެފައިވެ އެވެ.
މި ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށް ވިޔަސް ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެ އެވެ.
މި ބިންހެލުމުގައި ސުމަޓްރާއަށް ލިބުނު ގެއްލުމުގެ ރިޕޯޓުތައް އަދި އާއްމު ނުވާއިރު ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވި ކަމަށް ވެސް އަދި ހަބަރު ލިބިފައެއް ނުވެ އެވެ.
ހަމަ މި ސަރަހައްދު އިއްޔެ ވެސް އިތުރު ދެ ބިންހެލުމެއް އައިސްފައިވެ އެވެ. އެއް ބިންހެލުމުގެ ބާރުމިން 5.2 މެގްނިޓިއުޑްގައި ހުރިއިރު ދެން އައި ބިންހެލުން އައީ 5.9 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.
އިންޑޮނީޝިއާއަކީ ބިންހެލުންތައް އާއްމު "ޕެސިފިކް ރިންގް އޮފް ފަޔާ" ސަރަހައްދުގައި އޮންނަ ގައުމެކެވެ. މި ސަބަބާހުރެ އެގައުމުގެ އެކި ހިސާބުތަކަށް ދުވާލަކު އެތައް ފަހަރު ބިންހެލުންތައް އިހުސާސް ކުރެވެ އެވެ.
2004 ވަނަ އަހަރު އޭޝިއާގެ ގިނަ ގައުމުތަކަށް އެރި ސުނާމީއަކީ ވެސް އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީ އެކެވެ. -- ރޮއިޓާސް