އިންޑޮނޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސަލެންސީ ދޭވީ ގުސްތީނާ ޓޯބިންގ، ނައިބް ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު މަޝްވަރާ ބައްދަލުވުންތައް ބާއްވަވައި އިތުރު ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން ދެ ގައުމުގެ މީހުންގެ މެދުގައާއި ދެ ގައުމުގެ ދެމެދު ވިޔަފާރި ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ސިއްހީ ދާއިރާ، މަތީ ތައުލީމުގެ ދާއިރާ، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުންބަދަހި ކުރުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން، ނައިބު ރައީސް، ސަފީރު ވަނީ ވިސާގެ ކަންކަމަށް ލުޔެއް ގެނައުމަށް ދާދިފަހުން ދެގައުމުގެ ދެމެދު އެކުލަވާލެވުނު އެއްބަސްވުމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އަދި މިހާރު ކުރިޔަށް ހުރި އެއްބަސްވުންތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބް ރައީސް ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރައި ދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.