ބަޣްދާދު (30 އޮގަސްޓް) - އިރާގުގެ ވެރިރަށް ބަޣްދާދުގައި ވަރުގަދަ ދާޚިލީ ހަނގުރާމައެއް ފެށިގެން ކުރިއަށް އެބަދެ އެވެ.
އިއްޔެ ފެށުނު މި ދާޚިލީ ހަމަނުޖެހުންތައް ފެށެން މެދުވެރިވީ އެގައުމުގެ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ސިޔާސީ ޝަހްސިއްޔަތެއް ކަމަށްވާ މުގްތަޟާ އަލް ސަދްރު ސިޔާސީ ކަންކަމުން އިސްތިއުފާ ދެއްވައި އެކަހެރިވެ ވަޑައިގެންނެވިކަން އިއުލާން ކުރުމާއެކުގަ އެވެ.
އެއާއެކު އޭނާއަށް ތާއީދުކުރާ އެތައް ހާސް އާއްމުންނާއި ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ވަނީ މަގުމައްޗަށް ނުކުމެ ހަމަނުޖެހުންތައް ހިންގާފަ އެވެ. އެގޮތުން އެއްބަޔަކު އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަންނަން މަސައްކަތް ކުރިއިރު އަނެއް ބަޔަކު ވަނީ ބަޣްދާދުގެ ގްރީން ޒޯންގައި ބަޑީގެ ހަމަލާތައް ދޭން ފަށާފަ އެވެ.
އޭގެ އިތުރުން ވެސް މިއަދުގެ ވަގުތެއްގައި ބަޣްދާދުގެ ގްރީން ޒޯނަށް ހަތަރު ރޮކެޓް ހަމަލާ އަމާޒުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މި ހަަމަނުޖެހުންތަކާ ގުޅިގެން ބަޣްދާދުގައި ކާފިއު އިއުލާނު ކޮށްފައިވާއިރު ސަލާމަތީ ބާރުތަކުން އަންނަނީ ހަޅުތާލުގެ ބައިވެރިން ކޮންޓްރޯލް ކުރަން ކަރުނަ ގޭހުގެ ބޭނުން ކުރަމުންނެވެ.
މިހާތަނަށް މި ހަމަނުޖެހުންތަކުގައި 15 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު އެތައް ސަތޭކަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ދަނީ ލިބެމުންނެވެ.
މިކަންކަމާ ގުޅިގެން މުގްތަޟާ ވަނީ ގައުުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރެވެންދެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް އިއުލާން ކުރައްވާފަ އެވެ.
ބަޣްދާދުގެ ހާލަތު ގޯސްވަމުން އަންނައިރު އދއިންނާއި ބޭރުގެ އެހެން ފަރާތްތަކުން އަންނަނީ އިރާގުގައި ސުލްހައިގެ މަޝްވަރާތައް ކުރަން ގޮވާލަމުންނެވެ.
މުގްތަޟާއަކީ އިރާގުގެ އިސްލާހީ މަސައްކަތްތަކަށް އުފެދުނު އަލް ސަދްރު މޫވްމަންޓްގެ ބާނީ އެވެ. އޭނާގެ ފަހަތުގައި އިރާގުގެ ބައެއް ހަނގުރާމަވެރި ޖަމާއަތްތައް ވެސް ހަރަކާތްތެރިވަމުން ދިޔަ އެވެ. -- އަލް އަރަބިއްޔާ