ދިވެހި ފިލްމީ ދާއިރާއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުރީގެ މަޝްހޫރު ތަރި ފައުޒިއްޔާ ހަސަން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 80 އަހަރުގެ ފައުޒިއްޔާ ނިޔާވީ މިއަދު ހެނދުނު ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެންނެވެ.

35 އަހަރަށް ވުރެން ގިނަ ދުވަހު ދިވެހި ފިލްމީ ދާއިރާގެ މަސައްކަތް ކޮށްފައިވާ ފައުޒިއްޔާ އެންމެ ފުރަތަމަ ފުރަތަމަ ފިލްމަކީ "ފިދާ" އެވެ. އޭގެ ފަހުން، "ލޯތްބަށްޓަކައި" އަދި "ދޮންކަމަނަ" ފިލްމާއި ވަރަށް ގިނަ ޑްރާމާތައް ވެސް ކުޅެފައިވެ އެވެ.

ފައުޒިއްޔާ އަކީ އިންޑިއާގެ ޖަލެއްގައި ގިނަ ދުވަސްތަކެއް ވަންދެން ނުހައްގުން އަދަބު ލިބުނު ދިވެއްސެކެވެ. ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ތުހުމަތުކޮށް ފައުޒިއްޔާ އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކުރީ 1994 ގަ އެވެ.

ކެރަލާ ޖަލެއްގައި އެ މީހުން ދެ އަހަރު ބަންދުކޮށްފައި ބެހެއްޓި އެވެ.

އެކަމަކު އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ. އެ މީހުން ދޫކޮށްލީ ނުހައްގުން އަދަބު ދެމުންދިޔަ ކަން ސާބިތުވުމުންނެވެ.

އިންޑިއާގެ ޖަލުގައި ނުހައްގުން ލިބުނު އަދަބުގެ ބަދަލާއި އިންސާފު ހޯދައިދޭން ގޮވާލައި ފައުޒިއްޔާ މަސައްކަތްތަކެއް ވެސް ކުރި އެވެ.

ފައުޒިއްޔާގެ ކުއްލި މަރާ ގުޅިގެން ފިލްމީ ދާއިރާގެ މީހުންނާއި އޭނާއަށް ތާއީދު ކުރާ މީހުން ގެންދަނީ ފައުޒިއްޔާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.