1942 ގައި އުފަންވި ފައުޒިއްޔާ ހަސަން (އުއްސަކުރު ފައުޒިއްޔާ) ފިލްމީ ދާއިރާއާ މެދު ޝައުގު އުފެދެން ފެށީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. ފައުޒިއްޔާގެ ފުރަތަމަ ފިލްމަކީ 1985 ވަނަ އަހަރު ރިލީޒްކުރި "ފިދާ" އެވެ.
ގިނަ އަދަދެއްގެ ފިލްމުތަކާއި ޓީވީ ޑްރާމާ އަދި ސީރީޒްތަކެއް ކުޅެފައިވާ ފައުޒިއްޔާއަކީ ދިވެހި ފިލްމީ ފަންނާނުންގެ "މަންމަ" އެވެ. އަދި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އޭނާ އަށް މުހާތަބު ކުރަމުން އައިސްފައި ވަނީ ވެސް "ފައުޒިއްޔާ މަންމަ"ގެ ނަމުންނެވެ.
ފައުޒިއްޔާ ވަނީ 32 އަށް ވުރެ ގިނަ އަދަދެއްގެ ދިވެހި ފީޗާ ފިލްމާއި 11 ވަރަކަށް ޓީވީ ޑްރާމާ އަދި ހަތަރު ކުރު ފިލްމުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.
35 އަހަރަށް ވުރެން ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ފިލްމީ ދާއިރާގައި ފައުޒިއްޔާ މަސައްކަތް ކޮށްފައިވާއިރު އޭނާ އަށް ވަނީ މާލޭގައި ބޭއްވި ރީތީގެ މުބާރާތުން 1958 ވަނަ އަހަރު އެއް ވަނަ ލިބިގެން ގޮސްފަ އެވެ.
ލަންކާގައި ދިރިއުޅެމުން ދިޔަ ފައުޒިއްޔާ އިއްޔެ ވަގުތެއްގައި ނިޔާވުމާއި ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި ސިޔާސީ ފަރާތްތަކުންވެސް އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
ފައުޒިއްޔާގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި:
- ހިމޭން ދުނިޔެ
- 2000 ވަނަ އުފަން ދުވަސް
- ވާލޯބި އޭނގޭނަމަ
- ދޮންކަމަނަ
- ހަނދުކޭތަ
- ހުރީމޭ އިންތިޒާރުގައި
- ޔޫސުފް
- ހައްދު
ފިލްމުތަކުގެ އިތުރުން މަޝްހޫރު ޓީވީ ޑްރާމާތަކުގައިވެސް ފައުޒިއްޔާ ވަނީ ފެނިގެން ގޮސްފަ އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި:
- ދޯޕައްޓާ
- ރޭޝަމް
- ވައިސޫރި
- ހިނިތުންވެލާށޭ ކަލާ
ކޮންމެ ކަހަލަ ރޯލެއްވެސް ވަރަށް ފުރިހަމަ ކަމާއެކު ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ ފައުޒިއްޔާގެ އެންމެ ފަހު މަސައްކަތަކީ އަދި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިނުވާ ފިލްމު "ލަސްވިއަސް" އެވެ.
މި ފިލްމަކީ ކާމިޔާބު ޑައިރެކްޓަރު ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމެވެ. މިފިލްމުގައި ފައުޒިއްޔާ ފެނިގެންދާނީ މާމަ އެއްގެ ރޯލުންނެވެ.
ފައުޒިއްޔާއާ ބެހޭ ގޮތުން ޓެޑްރީ ބުނީ މިހާތަނަށް ދިމާވި އެންމެ "ކޮމްޕްލީޓް" އެއް އެކްޓަރުގެ ގޮތުގަ އެވެ. އޭނާގެ މިޒާޖާއި ހުނަރު، އެއް ބަހުން ސިފަކުރަން ނުކުޅެދި، އެތައް ޖުމްލައަކަށް ބުރިކޮށް، ސިފަކޮށްދެމުން ކިޔައިދިނީ، ފައުޒިއްޔާ އަކީ އޭނާއަށާއި ފިލްމީ ދާއިރާއަށް ނިސްބަތްވާ ކޮންމެ މީހަކަށް "މަދަރުސާ" އަކަށް ފުދޭ، އެ ފަންނުގައި އެފަދަ ދެވަނައެއް ނުވާ ޝަހުސިއްޔަތެއް ކަމެވެ.
ފައުޒިއްޔާ ދުނިޔޭގައި ހުއްޓާ، އެކުގައި މަސައްކަތްކުރުމުގެ އެންމެ ފަހުގެ ފުރުސަތު އޭނާއަށް ލިބުމުގެ ހުރިހާ ފަހުރަކާއި ޝަރަފެއް މި ތައުރީފެއްގައި ލިބިގަތެވެ.
މަޝްހޫރު ބަތަލާ ނިއުމާ ބުނި ގޮތުގައި ފައުޒިއްޔާއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ މީހުންނަށް އިހުތިރާމުކުރަން ދަންނަ މީހެކެވެ. އޭނާ ފައުޒިއްޔާ ފާހަގަކުރީ ވާހަކަގިނަ މަޖާ އަދި ހިތްހެޔޮ މީހެއްގެ ގޮތުގަ އެވެ.
ދިވެހި ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު އެއް ޕޮރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނީ ފައުޒިއްޔާ އަކީ މިދާއިރާއިން ގެއްލިގެން އެދިޔައީ އަގުނުކުރެވޭފަދަ ގިނަގުނަ ހިދުމަތްތަކެއް ކޮއްދެއްވާ ފަރާތްތެއް ކަމަށެވެ.
މަޝްހޫރު ބަތަލާ ޝީލާ ނަޖީބު ބުނީ ފައުޒިއްޔާ އަކީ ވަރަށް ހިތްހެޔޮ އަދި މަޖާ މިޒާޒެއްގެ މަންމަ އެއް ކަމަށެވެ.
"ފައުޒިއްޔާ މަންމަގެ ނަސޭހަތްތައް ދުވަހަކުވެސް މިހިތުން ފިލައިގެން ނުދާނެ،" އޭނާ ބުންޏެވެ.
ބަތަލާ މަރިޔަމް އައްޒަ ބުނީ ފައުޒިއްޔާއާ އެކު މަސައްކަތް ކޮށްލަން އޭނާއަށް ފުރުސަތު ލިބުނީ ދިވެހި ފިލްމު "ހައްދު"ގައި ކަމަށެވެ. ހައްދުގައި އައްޒަގެ މަންމައެއްގެ ރޯލު ކުޅެފައިވާ ފައުޒިއްޔާއާ ބެހޭ ގޮތުން އޭނާ ބުނެފައި ވަނީ އެއީ "ވަރަށް ފަން އަދި ލޯބި" މީހެއް ކަމަށެވެ.
ފައުޒިއްޔާ އަކީ އިންޑިއާގެ ޖަލެއްގައި ގިނަ ދުވަސްތަކެއް ވަންދެން ނުހައްގުން އަދަބު ލިބުނު ދިވެއްސެކެވެ. ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ތުހުމަތުކޮށް ފައުޒިއްޔާ އާއި އިތުރު ދިވެއްސެއް ކަމަށްވާ މަރިޔަމް ރަޝީދާ އާއި އިންޑިއާގެ ސައިންސްވެރިއެއް ކަމަށްވާ ނަބްމީ ނަރަޔާނަން ހައްޔަރުކުރީ 1994 ގަ އެވެ.
ކެރަލާ ޖަލެއްގައި އެ މީހުން ދެ އަހަރު ބަންދުކޮށްފައި ބެހެއްޓި އެވެ.
އެކަމަކު އެ ގައުމުގެ ތަހުގީގީ މައި އިދާރާ ކަމަށްވާ ސީބީއައި އިން ކުރި ތަހުގީގުން އެނގުނީ އެއީ ކެރަލާ ފުލުހުން އަމިއްލައަށް އުފައްދަން އުޅުނު މައްސަލައެއް ކަމަށެވެ. އެ މީހުން ދޫކޮށްލީ ނުހައްގުން އަދަބު ދެމުންދިޔަ ކަން ސާބިތުވުމުންނެވެ.
އިންޑިއާގެ ޖަލުގައި ނުހައްގުން ލިބުނު އަދަބުގެ ބަދަލާއި އިންސާފު ހޯދައިދޭން ގޮވާލައި ފައުޒިއްޔާ މަސައްކަތްތަކެއް ވެސް ކުރި އެވެ.