ބަޣްދާދް (31 އޮގަސްޓް) އިރާގުގައި މިހާރު ކުރިއަށްދާ ދާޚިލީ ހަަމަނުޖެހުންތައް ނިމުމަކަށް ގެނެސް ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމުކުރަން އެގައުމުގެ މަޖިލިސް އިންތިހާބު އަވަހަށް ބާއްވަން ޖެހޭ ކަމަށް ރައީސް ބަރްހަމް ސާލިހު ވިދާޅުވެއްޖެ އެވެ.

އިރާގުގެ ސިޔާސީ ޝަހުސިއްޔަތެއް ކަމަށްވާ މުގުތަޟާ އަލް ސަދްރު ސިޔާސީ ހަޔާތް ނިންމަވާލެއްވިކަން އިއުލާން ކުރެއްވުމާއެކު އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ސަރުކާރުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލައިފަ އެވެ.

އެ ގައުމުގައި އެންމެ ފަހުން އިންތިހާބު ބޭއްވުނުތާ އަދި ފާއިތުވީ އެންމެ އަހަރެއް ނަމަވެސް އަވަސް އިންތިހާބެއް ބޭއްވުމަކީ މުގްތަޟާ އެންމެ ބާރުއެޅުއްވި އެއް ކަމެވެ.

"ގައުމުގެ މިހާރުގެ ހާލަތަށް ބަލައި އަވަސް އިންތިހާބެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް" ސާލިހް ވިދާޅުވި އެވެ.

އިރާގުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއިން 30 މީހަކު މަރުވެ 570 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ފަރުވާ ހޯދާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މުގްތަޟާއަށް ތާއީދުކުރާ ފަރާތްތަކުން މަޖިލިސް އުވާލައި އާ އިންތިހާބެއް ބާއްވަން ގޮވާލަމުން ދިޔަ ނަމަވެސް އެ ގައުމުގެ ގާނޫނުގައިވާ ގޮތުން މަޖިލިސް އުވާލެވޭނީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ތާއީދު އެކަމަށް ލިބިގެންނެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ އެގައުމުގެ މަޖިލިސްކުރާ ގޭގެ ބޭރުގައި އިށީނދެ ތިބެ އަވަސް އިންތިހާބަކަށް ގޮވާލައި އަޑު އުފުލަމުންނެވެ. -- އަލް އަރަބިއްޔާ