މި ސަރުކާރަކީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރުކާރެއް ކަމަށް ބ. ދަރަވަންދޫ ކައުންސިލް މެންބަރުން ފާހަގަ ކުރައްވައިފި އެވެ.
ބ. ދަރަވަންދޫ ކައުންސިލް މެންބަރުން މިގޮތަށް ފާހަގަ ކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
ރައީސް ސޯލިހަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއްވި އެވެ.
ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި މިހާރު ވެސް ތަރައްގީގެ އެކި އެކި މަޝްރޫޢުތައް އެކި މަރުހަލާގައި ކުރިޔަށް ދިޔަ ކަމުގައި ވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވި އެވެ. މިގޮތުން، ދަރަވަންދޫގެ ބަނދަރާއި އެއާޕޯޓާ ދެމެދުގައިވާ ސަރަހައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކުރަން ބޭނުންވުމާއި، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާ ކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވައިފަ އެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭ މިނިސްޓްރީތަކާ އެކު މަޝްވަރާ ކުރެއްވުމަށް ފަހު އެކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫޢުތައް ފާހަގަކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.