މާލެ އިން 38،000 މީހުން ކޮވިޑް-19 ޕޮޒިޓިވްވި ކަމަށް މާލޭގައި ކުރިއަށް ގެންދިޔަ އެންޓިބޮޑީސް ދިރާސާ އިން ދައްކައިފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރިފައި އޮތް މިންވަރު ބެލުމަށް ކުރިއަށް ގެންދިޔަ ދިރާސާއާ ގުޅޭ މައުލޫމާތު މިރޭ ހާމަކުރައްވަމުން އެމްއެންޔޫގެ ޑިރެކްޓަ އޮފް ރިސާޗް ޑރ. ރަހީމާ އަބްދުއް ރަހީމް ވިދާޅުވީ މާލޭގެ އާބާދީއަކީ 208،000 މީހުން ކަމަށް ބެލެވޭއިރު އޭގެ ތެރެއިން 13.4 ޕަސެންޓް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އޭގެ މާނައަކީ ކޮވިޑް ޖެހި ރަނގަޅު ވުމުގެ ސަބަބުން އެ ބަލިން ދިފާއުވުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ މާއްދާ ހަށިގަނޑުގައި ހުރުމެވެ.

އަދި އެ ދިރާސާ އިން ދައްކާ ގޮތުގައި އަދިވެސް 84 ޕަސެންޓް މީހުންނަށް ކޮވިޑް ނުޖެހޭކަމަށް ކަމަށް ދައްކާތީ އަދިވެސް ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިހެން ދެންނެވިޔަސް އަޅުގަނޑު ފާހަގަކޮށްލަން ޖެހޭ ޕޮއިންޓަކީ، މީގެތެރެއިން 87 ޕަސެންޓަކީ ކޮވިޑް-19 އަށް ހުށަހެޅިފައިވާ [ބަލި ޖެހި ރަނގަޅުވެފައިވާ] މީހުން ކަމަށް ދައްކާފައެއް ނުވޭ،" ޑރ. ރަހީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ކޮވިޑް ޖެހިފައި ނުވާތީ ކޮވިޑްގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށެވެ.