ސްކައިޑައިވިންއަށް ގޮސް އުޅުނު ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ އުމުރުން 21 އަހަރުގެ ތަންޔާ ޕަރްދާޒީ މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސޯޝަލް މީޑިއާ އިންފްލޫއެންސަރު ތަންޔާ މަރުވެފައިވަނީ ސްކައިޑައިވް ކުރަން ފްލައިޓުން ފުންމާލައި، ޕެރެޝޫޓް ހުޅުވަން އުނދަގޫތަކެއް ދިމާވެގެން ޕެރެޝޫޓް ނުހުޅުވި ބިމުގައި ޖެހިގެން ކަމަށެވެ. މިއީ އޭނާގެ ފުރަތަމަ ސޯލާ ސްކައިޑައިވްއަށް ދިޔަ ފަހަރުކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ތަންޔާގެ ޓިކްޓޮކްގައި 95،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބެ އެވެ. އޭނާގެ ޕޯސްޓްތައް ވެސް އެތައް ބަޔަކު އަންނަނީ ބަލަމުންނެވެ. އެގޮތުން އޭނާގެ ވީޑިއޯތަކަށް ދެ މިލިއަން ވުރެން ގިނަ ލައިކް ލިބެ އެވެ.

ތަންޔާ ވަނީ 2017 ވަނަ އަހަރު ބޭއްވި މިސް ކެނެޑާގެ ރީތީގެ ރާނީ މުބާރާތުގައި ވެސް ވާދަކޮށް އެ މުބާރާތުގެ ސެމީފައިނަލާ ހިސާބަށް ގޮސްފަ އެވެ.

މިހާދިސާ ހިގުމުގެ ކުރިންވެސް ތަންޔާ ވަނީ ސްކައިޑައިވް އަށް ގޮސްފަ އެވެ. އޭނާ އަކީ ސްކައިޑައިވް އަށް ވަރަށް ލޯބި ކުރާ މީހެކެވެ.