އަންނަ 2033 އަހަރު ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނަވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީން ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ ރޭ އެ ޕްލޭން ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާ އެކު މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ މާތްﷲ އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ.

އެހެން ނަމަވެސް މިޓްވީޓްގައި އިތުރު ވާހަކައެއް މިނިސްޓަރު އިމްރާން ވިދާޅުވެފައެއް ނުވެ އެވެ.

ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެކުލަވާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ. އަދި މި ޕްލޭންގެ ބައިތައް ފައިނަލްކުރީ މިދިޔަ މަހުގެ 11 އިން 13 އަށް ރ. ކިނޮޅަހުގައި ކުރިއަށް ގެންދިޔަ ދެ ދުވަހުގެ ވޯކްޝޮޕެއްގަ އެވެ.

ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ މައިގަނޑު އަށް ދާއިރާއަކުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތެވެ. އޭގެ ތެރޭގައި ޕާޓީގެ އެތެރޭގެ ހިންގުމާއި ޕާޓީގެ ސިޔާސަތުތަކާއި އަދި ޕަބްލިކް ރިލޭޝަންސްގެ ކަންކަމުގެ އިތުރުން ޕާޓީގެ މާލީ ކަންކަމާއި އިންތިހާބުތައް އަދި ހާރިޖީ އަދި ދާހިލީ ގުޅުންތަކާ ގުޅޭ ކަންކަމުގެ އިތުރުން ޕާޓީގެ މެންބަޝިޕްގެ ކަންކަން ހިމެނެ އެވެ.

އަދާލަތު ޕާޓީއިން ވެރިކަމަށް އައުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު، އެ ޕާޓީ އަކީ މިހާރު ހިނގާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގުޅިފައިވާ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެއް ޕާޓީ އެވެ.

އަދާލަތުން ވަނީ އެޕާޓިގެ މެންބަރުންގެ ޢަދަދު އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފަ އެވެ. އެގޮތުން ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ މެންބަރުންނާއެކު އަތޮޅުތަކަށް ދަތުރުތަކެއް ކުރުމަށް ވެސް ނިންމާފައިވެ އެވެ.