ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތުގައި ކުރިޔަށް ގެންދެވޭ ދާއިރާއަކަށް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ ގާނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކުވާކޫ އަސޫމާ ޝެރަމޭއަށް ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާ ގާނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ، 33 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައި ވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި ގާނާ ސަފީރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ހިމެނޭގޮތުން ދެ ގައުމަށްވެސް ފައިދާ ހުރި، އިތުރު ދާއިރާތަކުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. މީގެއިތުރުން ގާނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރެވިދާނެ ގައުމެއްކަން ފާހަގަކުރައްވަމުން، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރިތަކުން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ގާނާގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

މި ބައްދަލުވުން އިތުރަށް ރައީސް ވިދާޅުވީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި، ދެބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

ރާއްޖެއާ ގާނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1989 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގަ އެވެ.