ޕެނަމާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އިޓްސެލް ޕަތީނޯ ދޭ ވިލްޔާރެއާލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ. ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެވެ.

ފަތްކޮޅު އެރުވުމަށްފަހު، ޕެނަމާގެ އައު ސަފީރާ ރައީސް ސޯލިހު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މިއީ ޕެނަމާ ސަރުކާރުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ހާމަކުރައްވައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެސް ރައީސް އާއި ޕެނަމާގެ އައު ސަފީރު ވަނީ ދެޤައުމުން ވެސް ސައުގުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފަ އެވެ. މިގޮތުން، މަލްޓިލެޓަރަލިޒަމްއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުންނާއި، ޑިމޮކްރަސީއާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ޕެނަމާއާ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަން ހާމަކުރައްވާފަ އެވެ.

ދިވެހިރާއްޖެއާ ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1989 ވަނަ އަހަރުގަ އެވެ.