އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރުމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގެމްބިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މުސްތަފާ ޖަވާރާ އެކު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ގެމްބިޔާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އެރުމުމަށްޓަކައި ރައީސް އޮފީހުގައި، މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި ގެމްބިޔާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށާއި، ދެ ގައުމުން ހިއްސާކުރާ، އިސްލާމީ އަދި ތާރީހީ ގުޅުންތަކާއި، ދިމިގުރާތީ އަސާސްތަކުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ކޮމަންވެލްތް އޮފް ނޭޝަންސްގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވަައިފަ އެވެ.

މީގެއިތުރުން ދެ ބޭފުޅުން ވަނީ، ދެ ގައުމަށް ފައިދާހުރި، ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި، ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރުމާއި ގުޅޭގޮތުން މުހިއްމު މައުޟޫއުތަކަށް ވާހަކަފުޅު ދައްކަވައިފަ އެވެ. ރައީސް ވިދާޅުވީ ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި ގެމްބިޔާއިން ކުރެއްވި މަސައްކަތްތަކަށް ރާއްޖެއިން ތާޢީދުކުރެއްވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އާއި ގެމްބިޔާއިން ގުޅިގެން މަސައްކަތް ކުރުމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ގެމްބިޔާ ސަފީރު މުސްތަފާ ޖަވާރާ ވަނީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން، ދެ ގައުމުގެ މެދުގައި މަޢުލޫމާތާއި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް، ޑިޕްލޮމެޓުން ތަމްރީން ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ. މިކަމާ ގުޅިގެން ރައީސް ވަނީ ފޮރިން ސާވިސް އިންސްޓިޓިއުޓް މެދުވެރިކޮށް ގެމްބިޔާގެ ޑިޕްލޮމެޓުން ތަމްރީނުކުރުމަށް އެހީތެރިވެދިނުމަށް ހުށައެޅުއްވި ހުށަހެޅުއްވުން ފުރިހަމައަށް ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.

ރައީސް ސޯލިހާއި ގެމްބިޔާގެ އާ ސަފީރު ވަނީ ދެ ގައުމަށް ފައިދާހުރި ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ދެ ގައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވައިފަ އެވެ.

ރާއްޖެއިން ގެމްބިޔާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 3 ޖުލައި 1989ގަ އެވެ.