މާލޭގައި އަލަށް ފަށާފައިވާ ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯކޮށް ސްޓިކާ ޖަހާނެ ކަމަށް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ވިދާޅުވީ، ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ކަމަށެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި ޕާކުކުރުން މާނާކޮށްފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި އުސޫލުތަކަށް އިހްތިރާމް ކުރުމަށް ފުލުހުން އެދިފައިވެ އެވެ.

މިނީބަހުގެ ހިދުމަތް އިއްޔެ ފެށިއިރު، ބޮޑެތި މަގުތަކުގައި ޓްރެފިކްގެ މައްސަލަތައް ވަރަށްބޮޑަށް ކުރިމަތިވި އެވެ. ހާއްސަކޮށް ސްކޫލްގަޑިތަކާ ދިމާކޮށް މަގުތައް ތޮއްޖެހުނެވެ. މިކަމާގުޅިގެން މިއަދު ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުންވަނީ މަގުތަކަށް ނުކުމެފަ އެވެ.