މާލޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ދޫކުރާ ފްލެޓަށް މިހާތަނަށް 14،000 އަށްވުރެން ގިނަ މީހުން ފޯމް ހުށައަޅައިފި އެވެ.

ސަރުކާރުން މާލެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމަށް ފޯމު މިހާތަނަށް 14،805 މީހަކު ހުށައަޅާފައިވާ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ. މިސްކީމްތަކުން ގޯއްޗާއި ފްލެޓަށް ޝަރުތުހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހައަޅަންޖެހެނީ ގެދޮރުވެރިން ޕޯޓަލް (https://gedhoruverin.gov.mv) މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް ގެދޮރުވެރިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު ހަމަވާނެ އެވެ. އެހެންކަމުން ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ފޯމު ހުށަހަޅައި ފޯމުގައި ހުރި މައުލޫމާތު ސައްހަތޯ ވަގުތު އޮއްވައި ޔަގީންކުރުމަށް ހައުސިން މިނިސްޓްރީން އެދެ އެވެ.

ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓަށާއި 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެތެރެއިން 1000 ގޯއްޗާއި 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. ބާކީ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުންނެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
  • 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
  • ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
  • އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން

ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއްކަމުގައިވުން
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
  • މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
  • އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
  • މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
  • ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން
  • މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން

ގޯތި ނުވަތަ ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތާއި، އެހެނިހެން ތަފްޞީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.