ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިންސާފަކީ ސަރުކާރަށް ނިސްބަތްވާ މީހުނާއި އެހެން މީހުންނާ މެދުގައި ތަފާތު ކުރާ އިންސާފު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވަކި ބަޔަކާ މެދުގައި ވަކި ގޮތަކަށް އަމަލުކޮށް، ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި މުނާފިގެއްގެ ހުރިހާ ސިފަތަކެއް ހަމަވާ ކަމަށެވެ. އަދި ރައީސް ސޯލިހް ގެންގުޅުއްވަނީ "ސިލެކްޓިވް ޖަސްޓިސް" އެއްކަން ވިދާޅުވެ ޑރ. ޖަމީލް ވަނީ ހަތަރު ކަމެއް ފާހަގަ ކުރައްވާފަ އެވެ.

އެ ކަންކަމަކީ ކުޑަކުއްޖަކާ ބެހުނުކަމުގެ ކުށް ސާބިތުވި އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ފަހު ދޫކޮށްލުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ތިން މަހަށް ގޭބަންދު ކުރެވޭ ގޮތަށް ލުއި ދައުވާއެއް ކުރުމާއި ރޯޔަލުން ކުރާ ކުށް ނުބެލުމެވެ.

އަދި އެމްޑީޕީ ވެރިންގެ އެމްއެމްޕީއާރްސީގެ ތުހުމަތު ނުބެލުމުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި ވަކި ގާނޫނަކުން އަމަލުކުރުން ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.