އިސްލާމީ މަރުކަޒު ގޯތިތެރެއަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ ދޫކޮށްލައިފި އެވެ.
އޭނާ ހައްޔަރުކުރީ އިސްލާމީ މަރުކަޒު ގޯތި ތެރެއަށް ބޮޑުކަމު ގޮސްފައިވާ ކަމުގެ މައުލޫމާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ. އަދި އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މީހާ ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ޖެހީ އެއް ދުވަހެވެ. އަދި އޭނާގެ ބަންދަށް އެއް ދުވަސް ޖެހީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އޮފިޝަލަކު ބުނީ ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން މިއަދު އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ މިފަދަ މައްސަލަތައް ގިނަވި ނަމަވެސް އެފަދަ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހަމައެހެންމެ މިފަދަ އަމަލުތައް ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން އާންމުން ގޮވާލާފައިވެ އެވެ.