މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަރިގެ ކޮމިޓީއަށް ގަޑިޖެހިގެން ދެވުނީ މައްސަރު ކަންތައް ދިމާވުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނަހުލާ ވަނީ އެދުވަހު ލަސްވީ މައްސަރު ކަންތައް ލައިގަތީމަ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު، ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށް ވީތީ، އަންހެނަކަށް ވީތީ ދިމާވެދާނެ ހާލަތެއް އޮވެދާނެ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއް ފަހަރު މައްސަރު ކަން ލައިގަންނަ ބައެއް ވީމާ، އެހެންވީމަ އަޅުގަނޑު ކުޑަކޮށް ވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫން،" ނަހުލާ ވިދާޅުވި އެވެ.

އަދި އެ ވާހަކަ ކޮމިޓީގައި ހިއްސާކުރަން ޖެހުނީ އެ ދުވަހު ގަޑިޖެހުމާއި ގުޅިގެން އެކަމާމެދު ކޮމިޓީ މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރުންކަމަށް ނަހުލާ ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު އެ ކޮމިޓީން ބޭއްވި ޖަލްސާއަށް މިނިސްޓަރު ނަހުލާ ގަޑިޖެހިގެން ވަޑައިގަތުމުން، ނަހުލާ ކޮމިޓީގައި ބައިވެރިނުކޮށް، ފަހުން އަމުރެއް ނެރެގެން ކޮމިޓީއަށް ވަނީ ހާޒިރުކޮށްފަ އެވެ.