މިއަހަރު ނިމުމުގެ ކުރިން އިހަވަންދިޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ކަނޑުދަތުރާއި ބެހޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމަށް އިހަވަންދިޕޮޅުގައި ތެޔޮ ސްޓޯރޭޖެއް ގާއިމްކޮށް، ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
"އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރެވެމުން.މި މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށިގެން ދާނެ،" ނަހުލާ ވިދާޅުވި އެވެ.
ރާއްޖެއަކީ މީގެ 30 އަހަރު ކުރީން މެރިޓައިމް ސިނާއަތުގައި ނަން ހިނގާ ގައުމެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ސަބަބުން ސިނާއަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން މެރިޓައިމް ސިނާއަތް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ފަށާފައިވާކަން ނަހުލާ ފާހަގަކުރެއްވި އެވެ. އެގޮތުން މެރިޓައިމް ސިނާއަތަށް ގާބިލް، ހަރުދަނާ، ތައުލީމީ މީހުން ނެރުމަށް އެކިއެކި ތަމްރީން ޕްރޮގްރާމްތައް ފަށާފައިވާކަމަށާއި، އެ ޕްރޮގްރާމްތަކުގެ ސަބަބަން ރާއްޖެއަށް ލާބައާއި މަންފާ ކުރާނެކަމަށް ނަހުލާ ވިދާޅުވި އެވެ.
"ސީމަނުންނަކީ ކީވޯކާސްގެ ގޮތުގައި މިއަހަރު ކަނޑައަޅައި، އެފަރާތްތަކަށް ހާއްސަ ގޮތްތަކެއް ވަނީ ހަމަޖެހިގެން ގޮސްފައި. މިކަމުގެ ސަބަބުން ކޯވިޑަށްފަހު ރާއްޖެ އަންނަ އާގުބޯޓު ފަހަރު އިތުރުވެ، ރާއްޖެގެ ޝިޕިންގެ އިންޑަސްޓްރީއަށް ކުރަމުން އަންނަ ފައިދާ ދަނީ އެތައް ގުނައެއް އިތުރުވަމުން،" ނަހުލާ ވިދާޅުވި އެވެ.
މިނިސްޓަރު ނަހުލާގެ ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީ ދާއިރާގައި ދުނިޔެ ކުރިއެރުންތައް ހޯދަމުންދާއިރު ކަނޑު އުޅަނދުފަހަރުވެސް ތަރައްގީކުރަންޖެހޭނެކަން ފާހަގަކުރައްވާފަ އެވެ. އަދި ތިމާވެއްޓާއި ރަށްޓެރި އައު ހޯދުންތައް ހޯދައި، އެ ހޯދުންތަކުގެ އެހީގައި ކަނޑު އުޅަނދު ފަހަރާއި އޭގެ ވަށައިގެންވާ މާހައުލު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި މެރިޓައިމް ދާއިރާއާ ގުޅުންހުރި ތިން ފޮތެއް ވަނީ ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަ ދެ ފޮތާއި އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓް ކުރާ ފަރާތްތަކުގެ އިތުރުން ކެޕްޓަނުންނަށް ހާއްސަ ފޮތެއް ހިމެނެ އެވެ.
މިނިސްޓަރު ނަހުލާގެ ވާހަކަފުޅުގައި ވަނީ ޓެކްނޮލޮޖީ ދާއިރާގައި ދުނިޔެ ކުރިއެރުންތައް ހޯދަމުންދާއިރު ކަނޑު އުޅަނދުފަހަރު ވެސް ތަރައްގީކުރަން ޖެހޭނެކަން ފާހަގަކުރައްވާފައެވެ. އަދި ތިމާވެއްޓާއި ރަށްޓެރި އައު ހޯދުންތައް ހޯދައި، އެ ހޯދުންތަކުގެ އެހީގައި ކަނޑު އުޅަނދު ފަހަރާއި އޭގެ ވަށައިގެންވާ މާހައުލު ސަލާމަތާއި ރައްކާތެރިކަމުގައި ބޭއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ތީ ހުވަފެނެއްގެ ހުވަފެނެއް